މާލީ އިހުލާސްތެރިކަން ދިވެހިންގެ ގައުމީ އުސޫލަކަށް ހަދަންޖެހޭ

ކޮންމެ ގައުމެއްގެ ސިޔާސީ ހަޔާތުގައި ވެސް ހިތްހަމަޖައްސާލުމަށް ދައްކާ ފޮނި ވާހަކަތަކުން އެކަނި ނުފުދޭ ވަގުތެއް އާދެ އެވެ. އާދެ. އެއީ ސިޔާސީ ފަރާތްތައް ހަގީގަތް ސާފުކޮށް ހާމަކުރަންޖެހޭ ވަގުތެވެ. ރައްޔިތުން ކަނުލާ އަޑުއަހަންޖެހޭ ވަގުތެވެ. އުނދަގޫ ނިންމުންތައް ނިންމުން ފަސްކުރަމުން ދާނީތޯ ނުވަތަ ފުރިހަމަ ބުއްދި އާއި ތަސައްރަފު ފުދުމާ އެކު އެ ކަންކަމާ ކުރިމަތިލާނީތޯ ގައުމުން ނިންމަންޖެހޭ ވަގުތެވެ. ދިވެހިރާއްޖެ އަށް މިއަދު މިވަނީ އެ ވަގުތު އައިސްފަ އެވެ.
އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ގުދުރަތީ ރީތި އެކި ސިފަތަކާއި އެ ނިއުމަތްތަކުން ހޯދެން ހުރި އިގުތިސާދީ ފުރުސަތުތަކުގެ ނިއުމަތްތައް ލިބިފައިވާ ޖަޒީރާއެކެވެ. އަޅުގަނޑުމެން މިވަނީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ސިނާއަތެއް ބިނާކޮށް، ތައުލީމީ ދާއިރާ ފުޅާކޮށް، ރަށްތައް ގުޅާލައި، ޒަމާނީ ޑިމޮކްރަސީއެއްގެ ހައްގުތައް ގާނޫނުއަސާސީއިން ހޯދައިގެންނެވެ. މިއީ އަޅުގަނޑުމެން ފަހުރުވެރިވާންޖެހޭ ކާމިޔާބީތަކެކެވެ. ނަމަވެސް، މި ކުރިއެރުންތަކާ އެކު ޒިންމާތަކެއް އުފުލަން އަޅުގަޑުމެންނަށް މިއަދު މިވަނީ މަޖުބޫރުވެފަ އެވެ. މި ޒިންމާތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޒިންމާއަކީ މާލީ އިހުލާސްތެރިކަމެވެ.
މާލީ އިހުލާސްތެރިކަމަކީ ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ރައްޔިތުންނަށް ތެދު ހަގީގަތް ހާމަކުރުމެވެ. ދަރަންޏާއި ބަޖެޓުގެ ޑެފިސިޓާއި ސަބްސިޑީތަކާއި މުވައްޒަފުންގެ މުސާރަ އާއި މަޝްރޫއުތަކުގެ ހަރަދުތަކާއި ދަރަނި އަދާކުރުމުގެ އިލްތިޒާމުތައް ސާފު ގޮތުގައި ރައްޔިތުންނަށް ހާމަކުރުމެވެ. މިއަދު ނަގާ ދަރަންޏަކީ މާދަމާ ދައްކަން ޖެހޭނެ އެއްޗެއް ކަމަށް އިއުތިރާފުވުމެވެ. ގައުމީ ގޮތުން މާލިއްޔާ ރާވާ ތަރުތީބު ކުރުމުގެ ބަދަލުގައި، ސިޔާސީ މަގުސަދުތަކަށް ބުރަވެ ދައުލަތުގެ މާލިއްޔާ އިސްކަންދޭ ތަރުތީބަކަށް ގޮސް ދައުލަތުން ހަރަދުތައް ކުރަން ފެށުމުން، އެ ހަރަދުގެ ބިލް ދައުލަތުގެ ދަފްތަރުން ހިމޭންކަމާ އެކު ގޮސް ވަންނާނީ އާދައިގެ އާއިލާތަކުގެ ސުފުރާ އަށެވެ.
މާލީ އިސްލާހުތައް ގެނައުން ލަސްކޮށް، ދަރަނީގެ ހަގީގީ އަގު ފޮރުވައި ނުވަތަ ސިޔާސީ ބޭނުންތަކަށް ކުރާ ހަރަދުތައް ކުރިއަށް ގެންދާ ކޮންމެ ސަރުކާރަކުން ވެސް، އެންމެ ފަހުން އެ ބުރަ ޖައްސާނީ އާދައިގެ އާއިލާތަކުގެ ބޮލުގަ އެވެ. އެހެންކަމުން، މާލީ އިހުލާސްތެރިކަމަކީ ވަކި ސިޔާސީ ޕާޓީއެއްގެ ޝިއާރަކަށް ހެދުމުގެ ބަދަލުގައި ގައުމީ އުސޫލަކަށް ހަދަންޖެހެ އެވެ.
ރާއްޖޭގައި އަށަގަނެފައިވާ މާލީ ޣައިރު ޒިންމާދާރު ކަމަކީ ވަކި ސަރުކާރަކަށް މިކަން އަމާޒު ކުރުމަށް ވުރެ މާ އަޑިއަށް މޫ ލާފައިވާ ހައްސާސް މައްސަލައެކެވެ. މިއީ އިއްޔެއަކު މިއަދަކު ފެށުނު ކަމެއް ނޫނެވެ. އަދި ހަމައެކަނި އެއް ވެރިއެއްގެ ބޮލުގައި އިލްޒާމު އަޅުވައިގެން މިއަށް ހައްލެއް ނުހޯދޭނެ އެވެ. ފާއިތުވި ސަރުކާރުތަކުން ރައްޔިތުންގެ އުންމީދުތައް ފުއްދައިދިނުމަށްޓަކައި ތަރައްގީގެ ވައުދުތައް ވެ، މަޝްރޫއުތައް ފަށައި، ސަބްސިޑީތައް ފުޅާކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ވަޒީފާތަކަށް ވައްދައި، ބޮޑެތި އަދަދުތަކުން ދަރަނި ނަގާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ނިންމުންތަކުން ހަގީގީ ފައިދާތަކެއް ވެސް ކުރި އެވެ. މިކަމުގައި މައްސަލައަކީ ތަރައްގީއެއް ނޫނެވެ. މައްސަލައަކީ ނިޒާމެއް ނެތި އަދި ހަމަޔާއި އުސޫލުން ބޭރުން ގެންނަ ތަރައްގީ އެވެ.
ހަރަދުތައް ކޮންޓްރޯލް ކުރުމެއް ނެތި މަޝްރޫއުތައް އިއުލާން ކުރާއިރު، އޭގެ ބުރަ ތަހައްމަލް ކުރަން ޖެހެނީ ރައްޔިތުންނަށެވެ. ހާއްސަ ކުރެވިގެން ސަބްސިޑީ ނުދެވޭއިރު، އޭގެ އަގު ދައްކަން ޖެހެނީ ވެސް ރައްޔިތުންނަށެވެ. ހަރުދަނާ ހިންގުމުގެ ނިޒާމެއް ނެތި ދައުލަތުގެ ކުންފުނިތަކުން ދަރަނި ނަގާއިރު، އޭގެ އަގު ދައްކަން ޖެހެނީ ވެސް ރައްޔިތުންނަށެވެ. ދައުލަތުގެ ވަޒީފާތަކަކީ ހިދުމަތުގެ ބޭނުމަށް ވުރެ ބޮޑަށް ސިޔާސީ ހަތިޔާރަކަށް ހަދާއިރު، އޭގެ އަގު ދައްކަން ޖެހެނީ ވެސް ހަމަ ރައްޔިތުންނަށެވެ. އެންމެ ފުރަތަމަ މި އަގު ދައްކަން ޖެހެނީ އާދައިގެ އާއިލާތަކެވެ. ތަކެތީގެ އަގު ބޮޑުވުމާއި ހިދުމަތްތަކުގެ ފެންވަރު ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް ހަނިވުމުގެ އިތުރުން އަސާސީ ހިދުމަތްތަކާއި ރަށްރަށުގެ ތަރައްގީ އަށް ކުރަންޖެހޭ ހަރަދުތަކަށް އޮންނަ ޖާގަ ހަނިވުމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަނީ މި ދެންނެވި އާދައިގެ އާއިލާތަކުންނެވެ.
އެހެންކަމުން، މާލީ އިސްލާހުގެ ވާހަކަ ހަމައެކަނި ފަންނީ ބަހުރުވައަކުން ދެއްކުމުން ނުވަތަ ފަންނީ ފަރާތްތަކުގެ މެދުގައި ކަންބޮޑުވުމަކަށް ވުމުން ނުފުދެ އެވެ. ދަރަންޏަކީ ހަމައެކަނި މާލީ ކަންކަމާބެހޭ ވުޒާރާގެ މައްސަލައެއް ނޫނެވެ. އެއީ ކޮންމެ ޢާއިލާއެއްގެ، ކޮންމެ ޒުވާނެއްގެ އަދި ގައުމުގެ ސިޔާދަތާ ގުޅިފައިވާ ކަމެކެވެ. މިއީ މާދަމާ ދިވެހިރާއްޖެ އަށް އަމިއްލަ މިނިވަން ނިންމުންތައް ނިންމުމުގެ ބާރު އޮންނާނެތޯ ނުވަތަ އިއްޔެ ނެގި ދަރަނީގެ ސަބަބުން މާދަމާގެ ނިންމުންތަކަށް ހުރަސް އެޅޭނެތޯ ކަނޑައަޅާ ކަމެކެވެ.
މާލީ އިހުލާސްތެރިކަމުގައި ތެދުވެރި މަގަކީ ފަސޭހަ މަގެއް ނޫނެވެ. އިސްރާފުތައް ކުޑަކުރަންޖެހެ އެވެ. މަޝްރޫއުތަކަށް އިސްކަންދޭ ތަރުތީބެއް ކަނޑައަޅަންޖެހެ އެވެ. ސަބްސިޑީތަކަކީ ހައްގުވެރިންނަށް އެކަނި ދެވޭ އެއްޗަކަށް ހަދަންޖެހެ އެވެ. ދައުލަތުގެ ކުންފުނިތައް ޖަވާބުދާރީ ކުރުވަންޖެހެ އެވެ. ދައުލަތުގެ އިދާރާތަކުގެ އުފެއްދުންތެރިކަން އިތުރު ކުރަންޖެހެ އެވެ. ޕްރޮކިއުމަންޓުގެ ނިޒާމު ހާމަކަން ބޮޑު ކުރަންޖެހެ އެވެ. ދަރަނި ނަގަން ވާނީ ސިޔާސީ އަތްތިލަބަޑިއަށް ވުރެ ބޮޑަށް، އިގުތިސާދީ ގޮތުން ދިވެހިރާއްޖެ އަށް ލިބޭނެ މަންފާއަށް ބަލައިގެންނެވެ. މީގެ އިތުރުން، އިސްލާހީ ފިޔަވަޅުތަކަކީ އިންސާފުވެރި ފިޔަވަޅުތަކަކަށް ވާންޖެހެ އެވެ. މާލީ އހުލާގު ހިފެހެއްޓުމަކީ އިސްރާފުތައް ހިމާޔަތްކޮށް، ނިކަމެތިންނަށް އަދަބު ދިނުމަކަށް ވެގެން ނުވާނެ އެވެ. ރައްޔިތުންގެ އިތުބާރު މި އިސްލާހުތަކަށް ލިބޭނީ، މި ބުރަ އެންމެންގެ މެދުގައި ހަމަހަމަކޮށް ހިއްސާ ކުރެވި، ބާރުގަދަ ފަރާތްތައް ވެސް ޖަވާބުދާރީ ކުރެވޭނެ ކަމުގެ އިތުބާރު އޮވެގެންނެވެ.
ހެޔޮވެރިކަމުގެ ނަމޫނާއަކީ މިއީ އެވެ. ޒިންމާދާރު ސަރުކާރަކުން، ރައްޔިތުންނަކީ އުނދަގޫ ހަގީގަތްތައް ވިސްނައިގަންނަން ނޭނގޭ ބައެއްގެ ގޮތުގައި ދެކިގެން ވާހަކަ ދައްކައިގެން ނުވާނެ އެވެ. ވެރިން ރައްޔިތުންނަށް އިހުތިރާމްކޮށް، ކަންކަން ސާފުކޮށް ކިޔައިދިނުމުން ހަގީގަތް ގަބޫލު ކުރުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އެބަހުއްޓެވެ. ރައްޔިތުން ދައުލަތުން ތަންފީޒުކުރާ ސިޔާސަތުތަކާ ދެކޮޅު ހަދަނީ އެކަންކަމުގައި ހަމަހަމަކަމާއި އަދުލުވެރިކަމާ މެދު  ސުވާލު އުފެދޭ ހިސާބުންނެވެ. އެއީ، ރައްޔިތުންގެ ކިބައިން ގުރުބާނީއަކަށް އެދޭއިރު ދައުލަތުން އެކަމުގައި ބައިވެރިނުވުމާއި އިސްލާހީ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނާއިރު ވެސް ސިޔާސީ ހަރަދުތައް ކުރިއަށް ގެންދިއުމާއި ދަރަނީގެ ވާހަކަ ހަމައެކަނި އިދިކޮޅު ފަރާތްތަކަށް ފާޑުކިޔުމަށް ބޭނުންކޮށް، ނިންމާ ނިންމުންތަކުގައި އެކަމަށް ފަރުވާލެއް ނުބެހެއްޓުމުންނެވެ.
އެހެންކަމުން، މާލީ އިހުލާސްތެރިކަމަކީ ހުރިހާ ސިޔާސީ ފިކުރެއްގެ މެދުގައި ވެސް އެއްބަސްވެވޭ ކަމަކަށް ވާން ޖެހެ އެވެ. ސަރުކާރުން އެ އަށް އަމަލުކުރަން ޖެހެ އެވެ. އިދިކޮޅު ފަރާތްތަކުން އެ އަށް އިހުތިރާމް ކުރަންޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުން އެކަން ހަރުދަނާކޮށް ބަލަންޖެހެ އެވެ. މީޑިއާ އިން އޭގެ ތަފްސީލްތައް ރައްޔިތުންނަށް ކިޔައިދޭން ޖެހެ އެވެ. އަދި ރައްޔިތުން އެކަމަށް ބާރުއަޅައި އެދެން ޖެހެ އެވެ. ވެރިކަމެއްގެ ފެންވަރު ވަޒަން ކުރަން ވާނީ ހަމައެކަނި އެ ސަރުކާރަކުން އިއުލާންކުރި، ބެހި ނުވަތަ ވައުދުވީ މިންވަރަކުން ނޫނެވެ. އޭގެ ބަދަލުގައި، ނިންމާ ނިންމުންތަކަކީ ދެމެހެއްޓެނިވި ނިންމުންތަކެއްތޯ އާއި ފައިސާ ހަރަދު ކުރަނީ ބުއްދިވެރިކަމާއެކުތޯ އާއި މަޝްރޫއުތަކުން ހަގީގީ މަންފާ ލިބޭތޯ އާއި އަދި އަންނަން އޮތް ޖީލުތައް ރައްކާތެރިކުރެވޭތޯ ބަލައިގެން ވެރިކަމުގެ ފެންވަރު ވަޒަންކުރަންޖެހެ އެވެ.
ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޮޑެތި ވަހުމްތަކާއި ހުވަފެންތަކުގައި އުޅުމުގެ ތަނަވަސްކަމެއް ނެތެވެ. ދިވެހިރާއްޖެ އަށް ތަރައްގީ ބޭނުންވެ އެވެ. ނަމަވެސް ކޮންމެ މަޝްރޫއުއަކީ ކޮންމެހެން މިވަގުތު ކުރަންޖެހޭ މުހިންމު ކަމެއް ނޫނެވެ. ރާއްޖެ އަށް އިޖުތިމާއީ ރައްކާތެރިކަން ބޭނުންވެ އެވެ. ނަމަވެސް ކޮންމެ ސަބްސިޑީއަކީ އިންސާފުވެރި އެއްޗެއް ނޫނެވެ. ދިވެހި ދައުލަތަށް ހިދުމަތްތެރިން ބޭނުންވެ އެވެ. ނަމަވެސް ސިޔާސީ ގޮތުން އުފައްދާ ކޮންމެ ވަޒީފާއަކީ ދިވެހި ދައުލަތް ވަރުގަދަ ކޮށްދޭ ކަމެއް ނޫނެވެ. ރާއްޖެ އަށް ދަރަނި ނަގަންވެސް ޖެހެ އެވެ. ނަމަވެސް ކޮންމެ ލޯނަކީ އިންވެސްޓްމަންޓެއް ނޫނެވެ. ބައެއް ދަރަނިތަކުން މުސްތަގުބަލް ބިނާކޮށްދެ އެވެ. އަނެއްބައި ދަރަނިތަކުން ވަގުތީ ހިތްހަމަޖެހުމެއް ހޯދައިދީ އެ ދަރަނި ވަނީ ގައުމުގެ މުހިންމު ތަރައްގީއަށާއި އިސްތިގުލާލަށް އޮތް ހުރަހަކަށެވެ.
އަނެއްކޮޅުން، މާލީ އިސްލާހު ގެނައުމަށް ރައްޔިތުންގެ ބޮލުގައި ވެސް ޒިންމާތަކެއް އެޅިފައިވެ އެވެ. އެއްފަހަރާ ޓެކްސް ކުޑަކުރުމަށާއި ސަބްސިޑީ ބޮޑުކުރުމަށާއި ގިނަ ވަޒީފާތަކާއި އިތުރު މަޝްރޫއުތަކަށް އެދެމުން، ހަމައެއާ އެކު ދަރަނި ކުޑަކުރުމަށް އެދި އެ ހިސާބުތައް ދިމާނުވުމުން ވެރިންގެ ބޮލުގައި އިލްޒާމް އަޅުވައިގެން ނުވާނެ އެވެ. ޑިމޮކްރަސީން ރައްޔިތުންނަށް ބާރުތަކެއް ދޭއިރު، އެ ބާރުތަކާ އެކު ބޮޑެތި ޒިންމާތަކެއް ވެސް ހަވާލުކުރެ އެވެ.
މީގެ ކުރިން ވެސް ދިވެހިރާއްޖެ އިން ވަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުން އަރައިގަނެފަ އެވެ. ނަމަވެސް، މިއަދު ކުރިއަށް ދާން މި އޮތް މަގުގައި ބޭނުންވަނީ މުޅިން ތަފާތު ހިތްވަރެކެވެ. އެއީ ހަޅޭއްލަވައި އަޑުގަދަކުރުމުގެ ހިތްވަރެއް ނޫނެވެ. އެއީ ތެދުވެރިވުމުގެ ހިތްވަރެވެ. އިލްޒާމު އެޅުވުމުގެ ހިތްވަރެއް ނޫނެވެ. އިސްލާހުވުމުގެ ހިތްވަރެވެ. މާލީ އިހުލާސްތެރިކަމަކީ ހަމްދަރުދީއެއް ނެތި ހަރަދުތައް ކަނޑާލުމެއް ނޫނެވެ. އެއީ މުހިންމު މަގުސަދެއްގައި ޒިންމާދާރުވުމެވެ. އެއީ ރައްޔިތުންގެ ފައިސާއަކީ އަމާނާތެއްކަމަށް ގަބޫލުކުރުމެވެ.
އާދައިގެ އާއިލާތަކުގެ ބޮލުގައި ބިލް އެޅެންދެން، އެ ބިލް ފޮރުވައިގެން އުޅޭ ސިޔާސީ ވައްޓަފާޅިއެއް މިއަދު ދިވެހިރާއްޖެއަކަށް ބޭނުމެއް ނޫނެވެ. އަޅުގަނޑުމެންނަށް ބޭނުންވަނީ މާކުރިން ހަގީގަތް ހާމަކޮށްދޭ، އިންސާފުވެރިކަމާ އެކު އިސްލާހުތައް ގެންނަ، އަދި ބުއްދިވެރިކަމާ އެކު ހަރަދުކުރާ ސިޔާސީ ނިޒާމެކެވެ. މާލީ އިހުލާސްތެރިކަމަކީ އިތުބާރާއި އަދާލަތާއި އަދި މިއަދު ކުރިމަތިލާން ބޭނުންނުވާ ކަންކަމުގެ އަގު މާދަމާ ދައްކާނެ ކަމަށް ހެދިގެން އުޅުން ހުއްޓާލާ ވަރަށް މި ގައުމު ދެކެ އަޅުގަނޑުމެން ލޯބިވޭތޯ ކުރެވޭ އިމްތިހާނެކެވެ. މިއީ އަޅުގަނޑުމެންގެ ގައުމީ އަސާސަކަށް ވާންޖެހެ އެވެ.
އެޑިޓަރުގެ ނޯޓް:
އަނިލް އާދަމްއަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ