ސަލާހުގެ ލަނޑާއެކު މިސްރަށް ވޯލްޑް ކަޕްގައި ތާރީޚީ މޮޅެއް
މުހައްމަދު ސަލާހު ޖެހި ގޯލާ އެކު، މިސްރުން ފަހަތުން އަރައި 3-1 އިން ނިއު ޒީލެންޑް ބަލިކޮށް، ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ. ކެނެޑާގެ ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މި މެޗުން މޮޅުވެ، މިސްރު މިހާރު އޮތީ ގްރޫޕް ޖީގެ އެއްވަނައިގައެވެ. މެޗުގެ ފުރަތަމަ ލީޑު ނެގީ ނިއު ޒީލެންޑުންނެވެ. މެޗުގެ 15 ވަނަ މިނިޓްގައި ޓިމް ޕޭން ނެގި ކޯނަރަކުން ފިން ސާމަން ވަނީ ބޮލުން ގޯލެއް ޖަހައި އެޓީމަށް ކުރި ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި މިސްރުން ވަނީ ކުޅުން ރަނގަޅުކޮށް ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މިސްރުން ނަތީޖާ ހަމަހަމަކުރީ 58 ވަނަ މިނިޓްގައި މުސްތަފާ ޒީކޯ ޖެހި ލަނޑުންނެވެ. އޭގެ ދިހަ މިނިޓް ފަހުން، ޒީކޯ ދިން ބޯޅައަކުން ކެޕްޓަން މުހައްމަދު ސަލާހު ވަނީ މިސްރަށް ލީޑު ނަގައިދީފައެވެ. މިއީ ގައުމީ ޓީމަށް ސަލާހު ޖަހައިދިން 68 ވަނަ ލަނޑެވެ. މިސްރުގެ ތިންވަނަ ލަނޑު 83 ވަނަ މިނިޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަހުމޫދު ޓްރެޒެގޭއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި މިސްރުން ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން (1934، 1990 އަދި 2018) މިސްރުން ވޯލްޑް ކަޕްގައި ވާދަކުރި ނަމަވެސް، އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. މި މޮޅާ އެކު މިސްރަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ދެވަނައިގައި އޮތް އިރާނާ ތިން ވަނައިގައި އޮތް ބެލްޖިއަމަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މިސްރުން ދެން ބައްދަލުކުރާނީ އިރާނާއެވެ. އެ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް މިސްރަށް ނޮކައުޓް ބުރަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އަދި މިހާރު އޮތް ޕޮއިންޓުގެ އަދަދަށް ބަލާއިރު، އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ވެސް އެ ޓީމަށް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ