މީހުން ހީކުރާ އިރާގު މެޗު ފަސޭހަ ނުވާނެ: ސަލީބާ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިރާގާ ދެކޮޅަށް ކުޅޭ މެޗަކީ މީހުން ހީކުރާހާ ފަސޭހަ މެޗަކަށް ނުވާނެ ކަމަށް ފްރާންސްގެ ޑިފެންށަރު ވިލިއަމް ސަލީބާ ބުނެފި އެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ އިރާގަކީ ވަރަށް ހުނަރުވެރި އަދި އެކުވެރި ޓީމެއް ކަމަށެވެ.
"ވަރަށް ގިނަ މީހުން ހީކުރޭ މި މެޗުން އަހަރުމެން ފަސޭހަ ކަމާއެކު މޮޅުވާނެ ކަމަށް. އެކަމަކު އެހެނެއް ނުވާނެ. ތިޔަ ހީކުރާހާ މި މެޗު ފަސޭހަ ނުވާނެ،" އާސެނަލް އަށް ކުޅެމުން އަންނަ ޑިފެންޑަރު ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާބޮޑު އުނދަގޫ ކަމެއް ނެތި ސެނެގާލް ބަލި ކުރި ޓީމަށް ކޯޗު ޑިޑިއޭ ޑެޝޯން މި މެޗުގައި ބަދަލު ތަކެއް ގެންނާނެ އެވެ. ހާއްސަކޮށް މެދުތެރެ އާއި ކުރިއަށެވެ.
މިއާ ހިލާފަށް އިރާގުގެ ކޯޗު ގްރެހަމް އާނޮލްޑް ކުޅުންތެރިން ކިބައިން އެދުނީ ދެ ވަނަ ބުރުގެ އުއްމީދު ކަނޑާ ނުލުމަށެވެ.
"އަހަރުމެން ފުރަތަމަ މެޗުގައި ނޯވޭ އަތުން ބަލިވި ނަމަވެސް ވަރަށް ރަނގަޅަށް ކުޅުނު. ދެ ތިން މިސްޓޭކެއް ހެދިގެން ބަލިވީ. މި ލެވެލްގައި އެ ގޮތަށް ހެދޭ ގޯހަކުން އަބަދުވެސް ޓީމު ބަލިވާނެ. އަހަރުމެންނަށް އެ މެޗުގައި ގޯސްތަކެއް ހެދުނީ ތަޖުރިބާ މަދުވުމުން. ހާއްސަކކޮށް ވޯލްޑް ކަޕުގެ ތަޖުރިބާ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ތަފާތު ބޮޑުކޮށް ބަލިވުމަކީ އަބަދުވެސް ޓީމު މޯޓިވޭޓް ކުރަން އުނދަގޫވާ ކަމެއް ކަމަށެވެ. ނަމަވެސް އެ މެޗާ މެދު ނުވިސްނައި ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް ގަދަ އަޅައި މަސައްކަތް ކުރަން ކުޅުންތެރިންނަށް ހިތްވަރު ދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ