އިންޑިއާގައި ލީކުވި މެޑިކަލް އިމްތިހާނު ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު އަލުން ބާއްވައިފި

ފުރަތަމަ ހެދި އިމްތިހާނުގެ ކަރުދާސްތައް ލީކުވި ކަމުގެ ތުހުމަތުތަކާ ގުޅިގެން އެ އިމްތިހާނު ބާތިލުކޮށް، ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކަކާ އެކު އެ އިމްތިހާނު އަލުން ބާއްވައިފި އެވެ.
އިއްޔެ ހެނދުނު ދަރިވަރުން އިމްތިހާނު ސެންޓަރުތަކަށް ދިޔަ އިރު، އެ ދަރިވަރުންނާ ކުރިމަތިލާންޖެހުނީ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން ޗެކްތަކާއި މެޓަލް ޑިޓެކްޓަރުތަކާއި ހަތިޔާރު އެޅި ފާރަވެރިންގެ އިތުރުން ހަށިގަނޑު ބަލައި ފާސްކުރުންތަކާ އެވެ.
އެއްވެސް ނުކިއްސަރު ކަމެއް ހިނގި ނުދިޔަނުމަށް، އިންޑިއާގެ އެއާފޯސްއިން ވަނީ ބައެއް ސަރަހައްދުތަކަށް އާ އިމްތިހާނު ކަރުދާސްތައް އުފުލައިދީފަ އެވެ. އަދި މުޅި ގައުމުގެ 5،440 އިމްތިހާނު ސެންޓަރުގައި ފުލުހުންނާއި ޕެރަމިލިޓަރީ އޮފިސަރުން ވަނީ ހަރަކާތްތެރިވެފަ އެވެ.
މިދިޔަ 3 މޭގައި ގާތްގަނޑަކަށް 2.28 މިލިއަން ކެންޑިޑޭޓުން އެ އިމްތިހާނު ހަދާފައިވަނީ އެތައް މަހެއް ވަންދެން އަދި ބައެއް ކުދިން އެތައް އަހަރެއް ވަންދެން އެ އުނދަގޫ ކަރުދާހަށް ތައްޔާރުވުމަށް ފަހު އެވެ. އެހެންކަމުން، އެ އިމްތިހާނު ބާތިލުކުރި ހަބަރަކީ ގިނަ ދަރިވަރުންތަކަކަށް ލިބުނު ބޮޑު ހިތާމައެކެވެ. އަދި މި ހިޔާނާތުގެ ސަބަބުން ގައުމުގައި ބޮޑެތި މުޒާހަރާތަކެއް ހިނގައި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލި އެވެ.
ނަމަވެސް އޭނާ އިސްތިއުފާއެއް ނުދެއްވަ އެވެ. އަދި އިއްޔެގެ އިމްތިހާނުގެ ކުރިން އޭނާ ދަރިވަރުންނަށް ވިދާޅުވީ ޖެހިލުމެއް ނެތި، ކަންބޮޑުވުމެއް ނެތި އިމްތިހާނުގައި އިށީނުމަށެވެ. 
ނޭޝަނަލް ޓެސްޓިންގް އެޖެންސީ (އެންޓީއޭ) އިން ބުނި ގޮތުގައި، އިމްތިހާނު ހެދި 95،000އަށް ވުރެ ގިނަ ކްލާސްރޫމްގެ ތެރެއިން ކޮންމެ ކްލާސްރޫމެއްގައި ސަލާމަތީ ކެމެރާ ހަރުކުރެވިފައިވާނެ އެވެ. އަދި ޖުމްލަ 1.3 މިލިއަނަށް ވުރެ ގިނަ ކެމެރާ ވަނީ ސެންޓަރުތަކުގައި ހަރުކޮށްފަ އެވެ.
އިމްތިހާނު މާހައުލަށް ވެއްދުން މަނާ އެއްވެސް އެއްޗެއް ހުރިތޯ ބަލައި ފާސްކުރުމަށްޓަކައި މުޅި ގައުމުގައި ގާތްގަނޑަކަށް 39,000 އޮފިޝަލުން ހަރަކާތްތެރިވި ކަމަށާއި ކޮންމެ އިމްތިހާނު ސެންޓަރެއްގައި 40 އާއި 50 އާ ދެމެދުގެ އަދަދަކަށް ސަލާމަތީ ބޭފުޅުން ތިއްބަވާނެ ކަމަށް އެންޓީއޭ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ