މޭރީ މަރު: ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލި މައްސަލާގައި އައިޖީއެމްއެޗުގެ ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް މިއަދު ކުށް ސާބިތުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ތުހުމަތުކުރެވެނީ، މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި ލަމްހާއާ ދުރާލައި ރާވައިގެން، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން 19 އޮކްޓޫބަރު 2021 ވަނަ ދުވަހު މަރާލާފައިވާ ކަމަށެވެ. އެގޮތުން:
ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ 
ދައުވާތަކަށް އޭނާ އިންކާރުކުރޭ
ތަފްސީލް - މި މައްސަލާގައި ހުކުމްކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ، މޭރީ މަރުވެފައިވަނީ އަމިއްލައަށް ކަމަށް އޭނާގެ ފިރިމީހާ މާވިން ބުނެފައިވިޔަސް، އެއީ ދޮގެއް ކަމަށާއި ލަމްހާ އާއި މާވިން ދުރާލައި ރާވައިގެން މޭރީ މަރާލީކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.
ހުކުމްގައި ބުނީ، މޭރީ މަރާލާފައިވަނީ، ލަމްހާ އާއި މާވިންގެ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ތެރެއިން ކައިވެނިކުރަން ބޭނުންވެ، އެކަމުގެ ހުރަހަކަށް މޭރީ ވުމުންކަން ވެސް ހެކިތަކުން ސާބިތުވާ ކަމަށެވެ. އަދި، މޭރީ މަރާލަން ރާވައި، އެކަން ކުރާނެ ގޮތް ކިޔައިދީ، އެކަމުގައި ލަމްހާ މާވިންއަށް އެހީތެރިވެފައިވާކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކްމްކުރި އެވެ. 
މީގެއިތުރުން، ލަމްހާ ދިރިއުޅޭ ކޮޓަރިތެރެއިން މީހަކު މަރާލެވޭ ނުވަތަ ފެރަލައިޒްކޮށްލެވިދާނެ ފަދަ އައިޖީއެމްއެޗްގެ ބޭރުން ބޭނުންނުކުރެވޭނެ ނުރައްކާތެރި އިންޖެކްޝަންތަކެއް ފެނިފައިވާއިރު، އޭނާގެ މައްޗަށް  ކުރި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ  އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ ވެސް މިއަދު ވަނީ ސާބިތުވެފަ އެވެ.
ހުކުމްގައި ބުނީ، ލަމްހާގެ ގެއިން އެތަކެތި ފެންނަންވީ ސަބަބެއް ބުނެދެވިފައިނުވާ ކަމަށާއި އެ އިންޖެކްޝަންތައް މޭރީގެ ގަޔަށް ޖަހަންވީގޮތް މާވިން އަށް ކިޔައިދީފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އެކަން ސާބިތުވެފައިވަނީ، ލަމްހާގެ ފޯނުން ރިކަވާކުރި ޑިލީޓުކޮށްފައިވާ މެސެޖުތަކެއްގަ އެވެ. އެ މެސެޖުތަކުގައި ލަމްހާ ވަނީ މާވިންއަށް އެ އިންޖެކްޝަން މޭރީގެ ގަޔަށް ޖަހަންޖެހޭގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
އެނގުން މުހިންމު -  މީގެ ކުޑައިރުކޮޅެއްކުރިން މާވިންގެ މައްޗަށް ވެސް ގަސްތުގައި މޭރީ މަރާލިކަން ވަނީ ސާބިތުވެފަ އެވެ. އެކަމަކު އަދަބު ކަނޑައެޅުން އަންނަ މަހުގެ 1 ވަނަ ދުވަހަށް މާވިންގެ އެދުމުގެ މަތިން ވަނީ ފަސްކޮށްފަ އެވެ.
ތަފްސީލް އަންނަނީ----
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ