އޫރީދޫ މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލް އެކައުންޓްތަކުން ފައިސާ ނެގޭ ގޮތަށް އަލަށް ތައާރަފްކުރި ހިދުމަތުގައި، އެ ކުންފުނީގެ ފަރާތުން އެއްވެސް އިތުރު ފީއެއް ނުނަގާނެ ކަމަށް އޫރީދޫން މިއަދު ކަށަވަރުކޮށްދީފިއެވެ.
ޕޭޕަލް އެކައުންޓުން އެމް-ފައިސާ ވޮލެޓަށް ފައިސާ ބަދަލުކުރާއިރު އިތުރު ޗާޖެއް ހިނގާނެތޯ ގިނަ ކަސްޓަމަރުން ސުވާލު ކުރަމުންދާތީ، އޫރީދޫން ބުނީ ކަސްޓަމަރުން ދައްކަން ޖެހޭނީ ހަމައެކަނި ޕޭޕަލް އިން ކަނޑައަޅާފައިވާ ޓްރާންސެކްޝަން ފީތައް އެކަނި ކަމަށެވެ. މީގެ އިތުރުން އޫރީދޫގެ ފަރާތުން އެއްވެސް ފީއެއް ނުނަގާނެއެވެ.
ޕޭޕަލްގެ ފީ އޮނިގަނޑު އޮންނަ ގޮތުން، ކޮންމެ ޓްރާންސެކްޝަނަކަށް 1.50 އެމެރިކާ ޑޮލަރުގެ ފިކްސްޑް ފީއަކާއި، ޓްރާންސެކްޝަންގެ ޖުމްލަ އަދަދުގެ 2 އިންސައްތަ ފީއެއް ނަގާނެއެވެ. މިސާލަކަށް، 100 ޑޮލަރުގެ ޓްރާންސެކްޝަނަކުން ޕޭޕަލް ފީގެ ގޮތުގައި އުނިވާނީ ޖުމްލަ 3.50 ޑޮލަރެވެ.
އޫރީދޫން ފާހަގަކުރި ގޮތުގައި ޕޭޕަލްގެ ފީ އޮނިގަނޑު ހާމަކަން ބޮޑު ގޮތެއްގައި އޮތުމަކީ ފްރީލާންސް މަސައްކަތްކުރާ ފަރާތްތަކަށާއި ކުދި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މުއާމަލާތްތަކުން ލިބޭނެ ސާފު އަދަދު ހިސާބުކުރުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.
ޕޭޕަލް ފަދަ ޕްލެޓްފޯމްތަކުގެ ހިދުމަތަކީ ދިވެހިން ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރަމުން އައި ހިދުމަތެއްކަން ފާހަގަކުރަމުން، އޫރީދޫން ބުނީ މި ހިދުމަތުގެ ސަބަބުން ދިވެހި ފަރުދުންނާއި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ޑިޖިޓަލް އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ބޯޑަރުން ބޭރުގައި ހުރި އާ ފުރުސަތުތަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ ކުންފުނީން ބުނެއެވެ.
އޫރީދޫގެ މަގްސަދަކީ އިތުރު ފީތައް އުނިކޮށްދީގެން، ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމަށާއި ބޭރު ގައުމުތަކުން ފައިސާ ހޯދުމުގައި ދިވެހިންނަށް ކުރިމަތިވާ ހުރަސްތައް ކުޑަކޮށްދިނުން ކަމަށް އެ ކުންފުނީން ވަނީ ބުނެފައެވެ.
ޕޭޕަލްގެ ހިދުމަތަށް އުރީދޫއިން އިތުރު ޗާޖެއް ނުނަގާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ