ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިމާމުކަމާ ގުޅޭ އިމްތިހާނެއް ތައާރަފުކުރަން މަޝްވަރާކުރަނީ

މިސްކިތްތައް ގިނަވަމުންދާއިރު ދާއިމީ އިމާމުން ނެތް މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިމާމުކަމަށް ޝައުގުވެރިވާ ކުދިންނަށް ވަޒީފާގެ އިތުރު ފުރުސަތު ފަހިކޮށްދީ، އިމާމުކަމާ ގުޅޭ އާންމު އިމްތިހާނެއް ތާރަފުކުރުމަށް މިނިސްޓްރީއިން މަޝްވަރާކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމަ އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މިނިސްޓްރީއިން މަސައްކަތްކުރަމުންދާ ކަމަށް ބުނެފައެވެ. އެ މައްސަލަ ގިނަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ އަދަދު ގިނަވެ، އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުވުމުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. https://x.com/Mohamedshaheem1/status/2069020753702584356 އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންނަށް އިތުރަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުގައްރަރެއް ކަނޑައަޅައި، އާންމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ އާންމު އިމްތިހާނެއް ތާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތާރަފް ކުރުމަށް މިނިސްޓްރީން މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ