ފީފާ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވުމަކީ މިޞްރަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމުގައި އެޓީމުގެ ކެޕްޓަން މުހައްމަދު ސަލާހް ފާހަގަ ކޮށްފިއެވެ.
އޭނާ މިކަން ފާހަގަ ކޮށްފައިވަނީ ގްރޫޕް ޖީ ގައި ނިއުޒީލަންޑާއި ބައްދަލުކުރި މެޗުގައި ފަހަތުން އަރާ 3 ލަނޑު އެއް ލަނޑުން މިޞްރު މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
އޭނާ ބުނީ މިމެޗުން މޮޅުވުމަކީ އާދަޔާ ހިލާފު އިހްސާސްއެއް ހުރިހާ ކުޅުންތެރިންނަށް ކުރުވި ނަތީޖާއެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމުގައިވެސް ސަލާހް ފާހަގަ ކުރިއެވެ. ސަލާހް ބުނީ އެޓީމުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކޮންމެ މެޗެއްގައިވެސް މޮޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ހޯދާ މިޞްރުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވޭތޯ ކަމަށެވެ.
ސަލާހް ބުނީ ނިއުޒީލަންޑާއި ބައްދަލުކުރި މެޗުން އެޓީމު މޮޅުވީ ނަސީބު ރަނގަޅު ކަމުން ކަމަށާއި މިމެޗުގައި މިޞްރު ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި މިވަގުތު ގްރޫޕްގެ އެއްވަނައިގާ އޮތުމުގެ އުފާފާޅު ކުރުމަށްފަހު މާދަމާ އަވަހަށް ދެން އޮތް މެޗަށް ތައްޔާރުވާން ފަށަންވީ ކަމުގައި މިޞްރު ޓީމުގެ ކެޕްޓަން ފާހަގަ ކުރިއެވެ.
ސަލާހް ބުނީ އޭނާ ޤައުމީ ޓީމަށް ކުޅޭތާ މިއީ 14 ވަނަ އަހަރު ކަމަށާއި އަދި އޭނާ އަބަދުވެސް އޭނާއަށް ކުޅެވޭ އެންމެ ރަނގަޅަކަށް ކުޅޭކަމަށެވެ. އަދި މިމެޗަށް ނިކުތުމުގެ ކުރިން މިމެޗުން މޮޅުވެ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ މެޗަކުން މޮޅުވެ ތާރީހްގެ ތެރޭގައި ހުރިހާ ކުޅުންތެރިންގެ ނަން ލިޔުމުގެ ފުރުސަތު އޮތް ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި ފަހު ދެމެޗު ކާމިޔާބު ކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެން އޮތް ބުރަށް ދެވިއްޖެ ނަމަ މިކަން ހުރިއަށް އޮތް ގިނަ އަހަރު ތަކެއްގައި މިޞްރުގައި ދެކެވިގެންދާނެކަަމަށްވެސް ސަލާހް ފާހަގަ ކުރިއެވެ.
ނިއުޒީލަންޑްގެ ކޯޗު ޑެރެން ބެޒެލީ ބުނީ ފުރަތަމަ ހާފުގައި އެހާމެ ރަނގަޅަށް ކުޅެ މެޗުން ބަލިވުމުން ހިތްހަމަ ނުޖެހޭކަމަށެވެ. އަދި މިމެޗުގައި އޭނާގެ ކުޅުންތެރިން ގިނަ ހަމަލާތަކެއް އުފައްދާ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރިކަންވެސް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި އެކުޅުން އެއްވެސް ވަރަކަށް ދެއްކޭ ގޮތް ނުވީ ކަމަށް ޑެރެން ފާހަގަ ކުރިއެވެ.
"ވޯލްޑް ކަޕްގެ މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވުމަކީ ބޮޑު ކާމިޔާބީއެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ