އީރާނުގެ ތެޔޮ ވިއްކުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލަނީ

ސާފުނުކުރާ ތެލާއި، ހަކަތައިގެ އެހެން ބާވަތްތައް އުފެއްދުމާއި، ވިއްކުން އީރާނަށް މަނާކޮށްފައި އޮތް އޮތުން އުވާލައި، ދަތިކުރުމުގެ ފިޔަވަޅުތައް އޯގަސްޓް 21 ގެ ނިޔަލަށް ވަގުތީ ގޮތުން އުވާލަން ނިންމާފައިވާ ކަމަށް އެމެރިކާއިން ހޯމަ ދުވަހު ބުނެފި އެވެ.
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތައް މެދުކަނޑާލަން ނިންމީ ހޮރްމުޒް ކަނޑުއޮޅިން "މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުމުގެ" ފުރުސަތު ދިނުމަށާއި، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ އިންސްޕެކްޓަރުން އެ ގައުމަށް ވަނުމުގެ ހުއްދަ ދިނުމަށް، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން އެއްބަސްވެފައިވާތީ އެވެ.
ޓްރެޒަރީ ޑިޕާޓްމަންޓުން އާންމުކުރި ލައިސަންސެއްގައިވާ ގޮތުން، އީރާނުން ސާފުނުކުރާ ތެޔޮ އުފެއްދުމާއި، ވިއްކުމާއި އަދި އެ އުފުލުން ހިމެނޭހެން މީގެ ކުރިން މަނާކޮށްފައިވާ ހުރިހާ މުއާމަލާތްތަކަކަށް "އީސްޓަން ޑޭލައިޓް ޓައިމް އިން އޯގަސްޓް 21، 2026 ގެ މެންދަމުން އަލިވެ 12:01 އާ ހަމައަށް ހުއްދަ" ވަނީ ދީފަ އެވެ.
މިކަން އިއުލާނުކޮށްފައި މި ވަނީ އީރާނާއި އެމެރިކާއިން ދާއިމީ ސުލްހަޔަށް ކުރާ މަޝްވަރާގައި ކުރިއެރުންތައް ލިބިފައިވާ ކަމަށް، މެދުވެރިންގެ ދައުރު އަދާކުރާ ގައުމުތަކުން ބުނެފައި ވަނިކޮށެވެ.
"ޕާކިސްތާނާއި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށް ކުރި ބުރަ މަސައްކަތުން، ލުބުނާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައި،" އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވި އެވެ. "ތެލާއި ޕެޓްރޯކެމިކަލް އެކްސްޕޯޓް ކުރުމުގެ ހުއްދަ ވަނީ ދީފައި، ބްލޮކޭޑް (ދަތިކުރުންތައް) ވަނީ އުވާލާފައި، ހިފަހައްޓާފައިވާ ބައެއް ފައިސާ ވަނީ ދޫކޮށްލާފައި، އަދި އީރާން އާރާސްތުކުރުމާއި ތަރައްގީގެ ޕްލޭނެއް ވަނީ ފަށާފައި."
މި ބަދަލުތަކާ އެކު ޖީއެމްޓީން މެންދުރު ފަހު 2:05 ހާއިރު، ބްރެންޓް ތެލުގެ އަގު 3.3 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 77.91 ޑޮލަރަށް ވެއްޓިފަ އެވެ.
ގާތްގަނޑަކަށް 40 ދުވަހުގެ ހަނގުރާމައަށް ފަހު، އެކި ފަހަރު މަތިން ހުއްޓުމަކަށް އައި އަދި ވަކިކޮޅެއްގައި ނުޖެހި ދިގުލައިގެންދިޔަ ހަމަލާ ބަދަލުކުރުން މެދުކަނޑާއލުމުގެ އެއްބަސްވުމަކަށްފަހު، 60 ދުވަހުގެ މަޝްވަރާތަކަށް މަގުފަހިކުރުމުގެ ގޮތުން އީރާނާއި އެމެރިކާއިން ވޭތުވެދިޔަ ހަފުތާގައި ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. މިހާރު ކުރިއަށްދަނީ 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ