އެފްއެސްއެމްގެ ބާޖުން ތެލުގެ ވިޔަފާރި އޮޅުވާލި މީހާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް: ހައިކޯޓު

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ "ބޮލިކެ ބާޖު" އުޅަނދުން ތެޔޮ ޑެލިވަރީ ކުރިއިރު އޮޅުވާލި މުވައްޒަފު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ. ބޮލިކެ ބާޖުގެ ތެލުގެ ވިޔަފާރި އޮޅުވާލި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައި ވަނީ މެދު ރާއްޖޭތެރޭގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން އެފްއެސްއެމްގައި އުޅުނު އެ މީހާ، އެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ. ވަޒީފާއިން ވަކިކުރުމުން އެ މީހާ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ އިދާރާއިން ވަނީ އޭނާ ވަޒީފާއިން ވަކިކުރީ، މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމެއްނެތި ކަމަށް ކަނޑައަޅައި އޭނާއަށް އަލުން ވަޒީފާދޭން އަމުރުކޮށްފައެވެ. އެކަމަކު، އެފްއެސްއެމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންވަނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށްފައެވެ. ހައިކޯޓުން ކުރި ހުކުމުގައި ވަނީ ދައުވާ ލިބޭ މީހާ، ވަޒީފާއަދާ ކުރުމުގައި އިހުމާލުވެ، ޚިޔާނާތްތެރިވެފައިވާކަން އެނގޭކަމަށް ބުނެފައެވެ. އަދި އެ ފަދަ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އޭނާގެ ސަބަބުން ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށާއި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުފެންނަ ކަމަށް ކަނޑައަޅައިފައެވެ. ހައިކޯޓުގައި މި މައްސަލަ ބެލީ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން މަޒީދު އަދި މުޙައްމަދު ޝަނީޒް ޢަބްދުﷲ އެވެ. ހުކުމް ކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅުނީ 2021 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެހެންކަމުން މި މައްސަލަ ނިމުނީ ގާތްގަނޑަކަށް ފަސް އަހަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ