ރާއްޖޭގެ އެކި ކަންކޮޅުގައި 700 އަށްވުރެ ގިނަ މީހުންނާއެކު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުގައި 700 އަށްވުރެ ގިނަ މީހުންނާއެކު ވަރަށް ކުލަ ގަދަކޮށް ބައިނަލްއަގުވާމީ ޔޯގާ ދުވަސް އިއްޔެ ފާހަގަކޮށްފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން 21، ގައި ފާހަގަކުރާ ބައިނަލްއަގުވާމީ ޔޯގާ ދުވަސް މި އަހަރު ފާހަގަކޮށްފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުގަ އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުގައި މިހާ ގިނަ މީހުން ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ޔޯގާ ދުވަހުގެ ޝިއާރަކީ "ޔޯގާ ފޯ ހެލްދީ އޭޖިން" އެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރި 12 ވަނަ ޔޯގާ ޑޭ އެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރި އެވެ.
ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކޮށްފައި މި ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިބި ވަރަށް ގިނަ ބަޔަކު، ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށް ބުނެ އަޑު އުފުލާފައި އޮއްވަ އެވެ.
ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަންތަކެއް ނަކަލުކޮށްގެން ހިންގާ ކަސްރަތުގެ ހަރަކާތްތަކެއް ކަމަށް ބުނެ، 2022 ވަނަ އަހަރު ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރި އިރު، އެކަމާ ދެކޮޅަށް ވަނީ އަޑު އުފުލައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ އަހަރު ޔޯގާ ޑޭ ފާހަގަ ކުރީ ގަލޮޅު ދަނޑުގަ އެވެ.
ޔޯގާ ޑޭ ފާހަގަ ކުރުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް ދަނޑަށް ވަދެގަނެ، ހަރަކާތުގެ ބައިވެރިވި ބައެއް މީހުންނަށް ވަނީ ހަމަލާދީފަ އެވެ. އެ މައްސަލައިގައި، ފިތުނަ އުފައްދައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ ބައެއް އިލްމުވެރިންނަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދައުވާތައް ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ