ފީފާ ވޯލްޑް ކަޕް 2026: އާޖެންޓީނާ - އޮސްޓްރިއާ

ފީފާ ވޯލްޑްކަޕް 2026 ގެ ދެވަނަ މެޗަށް އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ މިރޭ ނިކުންނައިރު އެ ޓީމު ވަނީ ގްރޫޕް ޖޭ ގައި ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ 3-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.
އާޖެންޓީނާ އާއި ދެކޮޅަށް މި މެޗުގައި ނިކުންނަ އޮސްޓްރިއާ އިން ވަނީ ޖޯޑަން ބަލިކޮށް ތިން ޕޮއިންޓް ހޯދާފަ އެވެ. އެހެންކަމުން މި މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމަކަށް މުބާރާތުގެ ގަދަ 32 ޓީމުގެ ތެރެއިން ފުރުސަތު ލިބިގެންދާނެ އެވެ.
ވޯލްޑްކަޕެއްގައި މި ދެ ގައުމު ފުރަތަމަ ފަހަރަށް މިރޭ ބައްދަލުކުރާއިރު މީގެ ކުރިން މި ދެ ޓީމު ވަނީ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެއީ 1966 ވަނަ އަހަރު 1-0 ގެ ނަތީޖާއަކުން އޮސްޓްރިއާ މޮޅުވި މެޗާއި 1980 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. މި މެޗުން އާޖެންޓީނާ 5-1 ގެ ނަތީޖާ އަކުން މޮޅުވެފައިވާއިރު, މި ދެ ޓީމު އެންމެ ފަހުން 1990 ވަނަ އަހަރު ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗަށް ނިކުންނައިރު އޮސްޓްރިއާގެ ތަޖުރިބާކާރު ކޯޗު ރަލް ރަގްނިކް ބުނެފައިވަނީ އިދިކޮޅަށް ނިކުންނަ އާޖެންޓީނާ އަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ހުރި ޓީމު ކަމަށާއި އެހެންކަމުން އެ ޓީމާއި ދެކޮޅަށް ނިކުންނައިރު ވިސްނަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
މެސީ އަކީ ތަފާތު ދައްކާ ކުޅުންތެރިއެއް ނަމަވެސް އެ ޓީމުގައި ދެން ތިބި ކުޅުންތެރިންނާއިމެދުވެސް ވިސްނަން ޖެހޭނެ ކަމަށް ވެސް ރަގްނިކް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ޑަލާސް ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް އާޖެންޓީނާ ނިކުންނައިރު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ޖެހި ތިން ލަނޑާއެކު އޭނާ ވަނީ މުބާރާތުގެ ތާރީޚުގައި 16 ލަނޑު ޖަހާ ފީފާ ވޯލްޑްކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި މިރޮސްލާވް ކްލޯސާ އާ އެއްވަރުކޮށްފަ އެވެ.
އެހެންކަމުން މި މެޗުގައި އޭނާ ލަނޑެއް ޖަހައިފިނަމަ ފީފާ ވޯލްޑްކަޕްގެ ދިގު ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ލިބިގެންދާނެ އެވެ.
އާޖެންޓީނާ އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެފައިވާއިރު, އޮސްޓްރިއާ ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވެފައިވާއިރު ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ