ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި, މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ރިއަށްގެންދާ "ދަނޑުވެރި ނަފާ" ލޯނު ސްކީމް އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި މިއަދު ތަޢާރަފްކޮށްފިއެވެ.
މި ޕްރޮގްރާމަށް ގެނައި ބަދަލަކީ ކުދި ވިޔަފާރިތަކަށް ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ފޯރުކޮށްދިނުމަށާއި، އެސްއެމްއީ ޑިޖިޓަލް ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. މި ފައިނޭންސިންގ އަކީ އިޤްތިޞާދު ފުޅާކުރުމަށްޓަކައި އިންވެސްޓް ކުރެވޭނެ މަގުތައް ރާއްޖޭގެ ދަނޑުވެރިންނަށް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.
މި ސްކީމުގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 500,000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ފައިނޭންސް ފޯރުކޮށްދޭއިރު، ރަހުނެއް ހިމެނޭހެން 1,000,000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭނެއެވެ. އަހަރަކަށް %6 ގެ ރޭޓުން ދެވޭ މި ފައިނޭންސިންގ ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ.
މި ފައިނޭންސިންގ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. މީގެ ތެރޭގައި އާރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑެޑް ގަސް އުފައްދާ ނާސަރީތައް ގާއިމު ކުރުން، އަދި އެގްރޮފޮރަސްޓްރީފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ވެޓެރިނަރީ ސަރވިސް، ޕެޓް ފާރމް އަދި ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށްވެސް ފައިނޭންސް ދޫކުރާނެއެވެ.
މި ފައިނޭންސިންގ އާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، ދަނޑުވެރި ނަފާ އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭ ފައިނޭންސިންގ ފެސިލިޓީއަކަށް ބަދަލުކުރުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ހަމަތަކުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވެޅެއް ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްއިން ދޫކުރާ ދަނޑުވެރި ނަފާ ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ