ޖަޕާނުން ހަދިޔާކުރި ފެން ހިއްކާ ޕަންޕުތައް 18 ރަށަކަށް ހަވާލުކޮށްފި

ފެންބޮޑުވުމުގެ ކާރިސާތަކަށް އިޖާބަ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން 18 ރަށަކާ ހަވާލުކޮށްފިއެވެ.
އެންޑީއެމްއޭއިން ބުނީ ޕަންޕު ފޯރުކޮށްދޭނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ މީގެ ކުރިން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކޮށްފައިވާ ރަށްތަކަށް ކަމަށެވެ. މިއީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތަކުގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދެވަނަ ބުރުގައި އިތުރު 14 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މޫސުމީ ބަދަލުތަކާއެކު ރާއްޖޭގެ ރަށްރަށަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން ދަނީ ރަށްރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމުކުރުމާއި ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ