ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު، ނިކޯ ޝްލޮޓަބެކަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް މި ފަހަރުގެ ވޯލްޑް ކަޕްގެ ބާކީ ބައިގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.
ޝްލޮޓަބެކަކީ މި ފަަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުން ކުޅުނު ދެ މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ކުޅުންތެރިއެކެވެ. ކިއުރުސާއޯ އަތުން 7-1 އިން ޖަރުމަނު މޮޅުވި މެޗުގައި ލަނޑު ވެސް ޖެހި ޝްލޮޓަބެކަށް އަނިޔާވެފައިވަނީ، ޖަރުމަނުން ދެ ވަނަ މެޗުގައި އައިވަރީ ކޯސްޓް އަތުން މޮޅުވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ޝްލޮޓަބެކަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، ބަދަލުގައި ދެ ވަނަ ހާފުގައި ކުޅެން އެރީ އެންޓޯނިއޯ ރޫޑިގާ އެވެ.
ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޝްލޮޓަބެކްގެ ފަޔަށް އަނިޔާވީ، އައިވަރީ ކޯސްޓުގެ އަމަދު ޑިއާލޯ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގަ އެވެ. އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތައް ހެދިއިރު، އެނގިފައިވަނީ، ފައިގެ ކުޑަހުޅުގެ ލިގަމެންޓް އިރައިގެން ގޮސްފައިވާ ކަމެވެ. އެހެންކަމުން، މި ފަހަރުގެ ވޯލްޑް ކަޕްގެ އިތުރުން ކުރިއަށް އޮތް ކްލަބް ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ވެސް ޝްލޮޓަބެކް ފެނުމުގެ ފުރުސަތެއް ނެެތެވެ.
ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ވާހަކަތައް ދައްކަމުން އަންނަ އުމުރުން 26 އަހަރުގެ ޝްލޮޓަބެކް އަށް އަނިޔާވެ، މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވުމަކީ ޖަރުމަނަށް ލިބުނު ގެއްލުމެކެވެ. އެއީ، އޭނާ އަކީ. ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަންގެ ޕްލޭނުގެ މުހިންމު ކުޅުންތެރިއެކެވެ. އެ ގޮތުން، ޝްލޮޓަބެކް ގެއްލުމުން، ދެން ނާގަލްސްމަން އެ މަގާމަށް ބޭނުންކުރާނީ ރޫޑިގާ އެވެ.
މިއީ، މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ޖަރުމަނަށް އަނިޔާގެ މައްސަލަ މި ގޮތަށް ދިމާވި ދެ ވަނަ ކުޅުންތެރިޔާ އެވެ. އެ ގޮތުން، ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް، ބަޔާން މިއުނިކްގެ 18 އަހަރުގެ ވިންގް، ލެނާޓް ކާލް އަށް ވެސް އަނިޔާވެ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނެވެ.
ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނުން، މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ނޮކައުޓް ބުރަށް ވަނީ ދަތުރުކޮށްފަ އެވެ. މިއީ، 12 އަހަރު ތެރޭ ޖަރުމަނުން ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެ ގޮތުން، ގަދަ 32 ޓީމު ވާދަކުރާ ނޮކައުޓް ބުރުގައި ކުޅުމުގެ ކުރިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައިި ޖަރުމަނުން އެކުއެޑޯއާ ދެކޮޅަށް ކުޅޭނެ އެވެ.
ޖަރުމަނުގެ ޑިފެންޑަރު ޝްލޮޓަބެކަށް ވޯލްޑް ކަޕް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ