ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ އީ-ވޯޓިންއަށް މަގުފަހިކުރުމަށް ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށާއި، އިދިކޮޅު އެމްޑީޕީން އެކަމުގައި އޮޅުވާލަމުންދަނީ ކޮރަޕްޝަން ހުއްޓުވިދާނެތީ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަގް ވިދާޅުވެއްޖެއެވެ.
މެންބަރު އަޝްރަގް މިހެން ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ އީ-ވޯޓިންއަށް މަގުފަހިކޮށް، ކުރިއަށް އޮތް އިންތިޚާބުތަކުގައި "ވޯޓުން ވައްކަން ކުރުމަށް" ތައްޔާރުކޮށްފައިވާ ބިލެއް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
އަޝްރަގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެންބަރު ޢަބްދުލްޣަފޫރު އެފަދައިން ވިދާޅުވި ނަމަވެސް، މި ބިލުގައި އިލެކްޓްރޯނިކް ވޯޓިންއާ (އީ-ވޯޓިން) ގުޅޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ލުއިފަސޭހަވާނެހެން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލްކޮށް ޚިދުމަތްތައް ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ޤާނޫނީ ބަދަލުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން މި ބިލާ ދެކޮޅަށް ވާހަކަ ދައްކަނީ ގަސްތުގައި ކަމަށް ތުހުމަތު ކުރައްވަމުން އަޝްރަގް ވިދާޅުވީ، "މިއީ ގަސްތުގައި ހަދަމުންދާ ކަނޑައެޅިގެން ބޮޑު ދޮގުތަކެއް. އެކަން އޮޅުވާލުމަށް މަސައްކަތް ކުރަނީ މިފަދަ ޤާނޫނެއްގެ ދަށުން ހަރުދަނާ ނިޒާމެއް ޤާއިމުވެއްޖެނަމަ، ވައްކަމާއި ކޮރަޕްޝަން ހިންގުމަށް އޮތް ފުރުސަތުތައް ހަނިވެގެންދާނެތީ" ކަމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ދަނީ ވިދާޅުވަމުންނެވެ.
ބިލުގައި އީވޯޓިންގެ ވާހަކައެއް ނެތް، އެމްޑީޕީން އޮޅުވާލަން އުޅެނީ ކޮރަޕްޝަން ހުއްޓުވިދާނެތީ: އަޝްރަގް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ