އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އިސްތިއުފާދެއްވާނެކަން އިއުލާންކުރައްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރު ސްޓާމާ، ބޮޑުވަޒީރުކަމުގެ މަގާމުންނާއި ލޭބަ ޕާޓީގެ ލީޑަރުކަމުގެ މަގާމުން އިސްތިއުފާދެއްވާނެކަން ދެންމެއަކު އިއުލާންކުރައްވައިފި އެވެ.
މިއާ އެކު، 2024 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ލޭބަ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، ދެ އަހަރު ވެސް ނުވަނީސް އޭނާގެ ލީޑަޝިޕް މިވަނީ ނިމުމަކަށް އައިސްފަ އެވެ.
ޑައުނިންގް ސްޓްރީޓްގެ ބޭރުގައި ހުންނަވައި ދެއްވި ބަޔާނެއްގައި ސްޓާމާ ވިދާޅުވީ، ބޮޑުވަޒީރުގެ ރަސްމީ އިދާރާއަށް ވަދެވަޑައިގަތުމަކީ އޭނާގެ "ހަޔާތުގައި ލިބުނު އެންމެ ފަހުރުވެރި ވަގުތު" ކަމަށެވެ. އަދި އޭނާ ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތީ "އެތައް މިލިއަން ބައެއްގެ ދިރިއުޅުން މިއަށް ވުރެ ރަނގަޅު ގޮތަކަށް ބަދަލުކުރުމަށް" ކަމަށް ވެސް ވިދާޅުވި އެވެ.
ލޭބަ ޕާޓީގެ ލީޑަރުގެ ގޮތުގައި ހޭދަކުރެއްވި މުއްދަތަށް އަލިއަޅުވާލައްވަމުން ސްޓާމާ ވިދާޅުވީ، އޭނާއާ ހަވާލުވިއިރު ޕާޓީ އޮތީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން އަދި އަހުލާގީ ގޮތުން ބަނގުރޫޓުވެފައި ކަމަށާއި، އެއީ "ނިމިފައި އޮތް" ޕާޓީއެއް ކަމަށް އެތައް ބަޔަކު ތަކުރާރުކޮށް ބުނަމުންދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ ލޭބަ ޕާޓީ އަލުން ކޮޅަށް ޖެހުނީ ޕާޓީގެ ތެރޭގައި އޮތް ޔަހޫދީންނާ ދެކޮޅުވެރިވުމުގެ ނުބައި ވިސްނުން ނައްތާލައި، އިގްތިސާދާއި ދިފާއީ ކަންކަމާއި އަދި ގައުމީ ސަލާމަތަށް އޮތް އިތުބާރު އަލުން ހޯދައިދީގެން ކަމަށެވެ.
ސްޓާމާ ވަނީ ރަސްގެފާނު ޗާލްސްއާ ވާހަކަދައްކަވާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ވެރިކަން ބަދަލުވުމުގެ ކަންކަން އޮމާންކަމާ އެކު ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވި އެވެ. އޭނާ ވިދާޅުވީ ލޭބަ ޕާޓީގެ އާ ލީޑަރަކު ހޮވުމުގެ މަރުހަލާ ނިމި، ބޮޑުވަޒީރުގެ މަގާމަށް އަންނާނެ ބޭފުޅަކު ކަނޑައެޅެންދެން މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.
އުމުރުން 63 އަހަރުގެ ކުރީގެ ގާނޫނީ ވަކީލު، ލޭބަ ޕާޓީގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތީ 2020 ވަނަ އަހަރު އެވެ. އެއީ 1935 ވަނަ އަހަރުގެ ފަހުން އެ ޕާޓީން އިންތިހާބެއްގައި އެންމެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ދަނޑިވަޅުގަ އެވެ. އޭނާ ވަނީ 2024 ގައި ޕާޓީ އަލުން ސަރުކާރަށް ގެނެސްދެއްވާފަ އެވެ.
ގާނޫނު ހަދާ މަޖިލީހަށް 2015 ވަނަ އަހަރު އިންތިހާބުވުމުގެ ކުރިން، ސްޓާމާ ވަނީ ޖިނާއީ އަދުލުގެ ދާއިރާ އާއި އިންސާނީ ހައްގުތަކަށް ހާއްސަވެގެން ކާމިޔާބު ގާނޫނީ ކެރިއަރެއް ބިނާކުރައްވާފަ އެވެ. ގާނޫނީ ދާއިރާއަށް ކުރެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް އޭނާއަށް ވަނީ ނައިޓްހުޑް ނުވަތަ "ސާ"ގެ ލަގަބު ވެސް އަރުވާފަ އެވެ.
އޭނާ އިސްތިއުފާދެއްވުމާ ގުޅިގެން، ދެން އޮންނާނީ ލޭބަ ޕާޓީގެ އާ ލީޑަރަކާއި އިނގިރޭސިވިލާތުގެ ދެން ހުންނާނެ ބޮޑުވަޒީރަކު ކަނޑައެޅުމުގެ ވާދަވެރި މަރުހަލާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ