އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމާ އިސްތިއުފާ ދެއްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުންނާއި ލޭބާ ޕާޓީގެ ލީޑަރުކަމުގެ މަގާމުން ކިއާ ސްޓާމާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ސްޓާމާ މިކަން އިއުލާނު ކުރެއްވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޑައުނިން ސްޓްރީޓްގެ ބޭރުގައި ހުންނަވައި ދެއްވި ބަޔާނެއްގަ އެވެ.
ގައުމާ މުހާތަބު ކުރައްވަމުން ސްޓާމާ ވިދާޅުވީ، މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ނިންމެވި ކޮންމެ ނިންމެވުމަކީ ވެސް އެމަނިކުފާނު ލޯބިވާ ގައުމު އިސްކޮށްގެން ނިންމެވި ނިންމެވުންތަކެއް ކަމަށެވެ. ގައުމަށް ހިދުމަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވަނީ މަގާމުން ވަކިވެވަޑައިގަންނަވަނީ ގައުމުގެ މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެފަ އެވެ.
އެ ބަޔާނުގައި ސްޓާމާ ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ވިކްޓޯރިއާ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަނބިކަނބަލުންނަކީ އެމަނިކުފާނުގެ ހަޔާތުގެ "ހިލަގަނޑު" ފަދަ ވަރުގަދަ ތަނބެއްގެ ގޮތުގައި ސިފަކުރައްވަމުން ސްޓާމަރ ވިދާޅުވީ، އުފަލާއި ހިތާމައިގެ ވަގުތުތަކުގައި ވެސް އަނބިކަނބަލުން ހުންނެވީ ސާބިތުކަމާއެކު އެމަނިކުފާނުގެ އަރިހުގައި ކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ދަރިންނަކީ އެމަނިކުފާނުގެ ފަހުރު ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެ ކުދިންނަށް އެންމެ ރަނގަ ބައްޕައަކަށް ވުމަށް ކަމަށް ސްޓާމާ ވިދާޅުވި އެވެ.
ގައުމުގެ އެންމެ އިސް މަގާމުން ވަކިވެވަޑައިގަތުމަށްފަހު، ދެން އެމަނިކުފާނު ވަގުތު ހުސްކުރައްވާނީ އާއިލީ ޒިންމާތަކަށް ކަމަށް ސްޓާމާ ވިދާޅުވި އެވެ.
ސްޓާމަރގެ އިސްތިއުފާއާ ގުޅިގެން ލޭބާ ޕާޓީގެ ލީޑަރުކަމަށް އަތުވެދާނެ ކަމަށް ބެލެވޭ އެންޑީ ބާންހަމް މިއަދު ވެސްޓްމިންސްޓާއަށް ވަޑައިގަންނަވާނެ އެވެ. ބާންހަމް މިއަދު މަޖިލީހަށް ވަޑައިގަންނަވަނީ މިދިޔަ ހަފުތާގައި ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވުމަށްފަހު، މޭކާފީލްޑް ދާއިރާގެ މެންބަރުކަމުގެ ހުވާ ކުރެއްވުމަށެވެ.
ސްޓާމާގެ އެ ނިންމެވުމާއެކު ލޭބާ ޕާޓީގެ އައު ލީޑަރަކު ހޮވުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބެލެވެ އެވެ. ސްޓާމާގެ ބަޔާނުގައި އެމަނިކުފާނު ވަނީ ގައުމުގެ ކުރިމަގަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ