އޮސްޓްރޭލިއާގެ ސިޑްނީގެ ހުޅަނގުން ބިންގަރާހެއްގެ ތެރެއިން 2.7 ޓަނުގެ ކޮކެއިން އެ ގައުމުގެ ފުލުހުން އަތުލައިގަނެފި އެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް މިހާތަނަށް އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދުގެ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެ އެވެ.
ގާތްގަނޑަކަށް 816 މިލިއަން އޮސްޓްރޭލިއަން ޑޮލަރުގެ މަގުމަތީ އަގު ހުރި މި ތަކެތި ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ފުލުހުން ފެނުމާއެކު ފިލަން މަސައްކަތް ކުރި އުމުރުން 21 އަހަރާއި 25 އަހަރުގެ ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވަނީ ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ މަނާ މަސްތުވާތަކެތި ވިޔަފާރި އުސޫލުން ގެންގުޅުމުގެ ދައުވާ އެވެ.
ފުލުހުން ބުނާ ގޮތުގައި މިއީ ރޭވުންތެރިކަމާއެކު ކުށްކުރާ ގްރޫޕެއްގެ އިރުޝާދުގެ ދަށުން، ނޯތު ކުއީންސްލޭންޑްގެ ކުޑަ ރަށެއް ކަމަށްވާ މިޖް ޕޮއިންޓް މެދުވެރިކޮށް އޮސްޓްރޭލިއާއަށް އެތެރެކޮށްފައިވާ ތަކެއްޗެވެ.
ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމަށް ފަހު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި ލަންޑަންޑެރީގެ އެ އިމާރާތް ރޭޑްކޮށްފައިވަނީ "އޮޕަރޭޝަން މިންޖިއަންގް" ގެ ދަށުންނެވެ. މި އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ މޭ މަހު މިޖް ޕޮއިންޓްގެ ބޯޓު ފަހަރު ކައިރިން ކަނޑުމަތީގައި އޮޔާދަނިކޮށް 40 ކިލޯގެ ކޮކެއިން ފެނުމާ ގުޅިގެންނެވެ.
މި ތަކެތި ފެނުމާ ގުޅިގެން ފެށި ތަހުގީގުގެ ތެރެއިން، ކުއީންސްލޭންޑާއި ނިއު ސައުތު ވޭލްސް އިން އިތުރު ހަ މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ކަމަށް ފުލުހުން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މި މަސްތުވާތަކެތި އެތެރެކުރުމުގެ އޮޕަރޭޝަނުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައި އުޅަނދެއް ސޮލޮމަން އައިލެންޑްސްއިން މިހާރު ވަނީ ހިފަހައްޓާފަ އެވެ.
ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްއިން ހިންގާ ގަވާއިދާ ހިލާފު މަސްތުވާތަކެތި މޮނިޓާ ކުރާ ނިޒާމަކުން ދައްކާ ގޮތުގައި، އޮސްޓްރޭލިއާއަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ބޮޑު ފައިދާއެއް ލިބޭ މާކެޓެކެވެ. އެ ގައުމުގައި އާންމުކޮށް ކޮކެއިން ގްރާމެއްގެ އަގު ހުންނަނީ ގާތްގަނޑަކަށް 300 އޮސްޓްރޭލިއަން ޑޮލަރަށެވެ.
އދ. އިން މިދިޔަ އަހަރު ނެރުނު ދުނިޔޭގެ މަސްތުވާތަކެތީގެ ރިޕޯޓުން ދައްކާ ގޮތުގައި، ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ކޮކެއިން ބޭނުންކުރަނީ އޮސްޓްރޭލިއާ އާއި ނިއުޒީލޭންޑްގެ ރައްޔިތުންނެވެ.
އޮސްޓްރޭލިއާގައި ރެކޯޑް އަދަދެއްގެ ކޮކެއިން އަތުލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ