ޑިޒްނީގެ "ޓޯއި ސްޓޯރީ 5" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 މިލިއަން ޑޮލަރަށް ވުރެ އާމްދަނީއެއް ހޯދައި، އެ ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފުރަތަމަ ހަފުތާ ބަންދުގެ ރެކޯޑު މުގުރާލައިފި އެވެ.
މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރި ޓޯއި ސްޓޯރީ ސީރީޒްގެ ފަސްވަނަ ފިލްމުގައި ފެނިގެންދަނީ، ވުޑީ އާއި ޖެސީ އަދި ބަޒް ލައިޓްޔިއާ ފަދަ މަޝްހޫރު ކެރެކްޓާތަކަށް މިހާތަނަށް ކުރިމަތިވި އެންމެ ވަރުގަދަ ވާދަވެރިޔާ ކަމަށްވާ ޓެބްލެޓް ކޮމްޕިއުޓަރަކާ ކުރިމަތިލާ މަންޒަރުތަކެވެ.
ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ޑިޒްނީ އާއި ޕިކްސާގެ ފިލްމުތަކަށް އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާއެކު އެ ކުންފުނިތަކުން ވަނީ އަލުން ކުރީގެ މަގުބޫލުކަން ހޯދާފަ އެވެ.
މިއީ މި އަހަރުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ފުރަތަމަ ހަފުތާ ބަންދުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ކަމަށް ލަފާކުރެވެ އެވެ. މި ލިސްޓުގެ އެއްވަނައިގައި އުޅެނީ މިހާތަނަށް އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ "ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ" އެވެ.
ސިނަމާތަކުގައި ދެއްކި ފުރަތަމަ ހަފުތާ ބަންދުގައި ޓޯއި ސްޓޯރީ 5 އަށް އުތުރު އެމެރިކާއިން 160 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، ބައިނަލްއަގުވާމީ މާކެޓުތަކުން ވަނީ 150 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ.
މި ފިލްމު އުފެއްދުމަށް ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ހޭދަވެފައިވާއިރު، ފިލްމުގެ މާކެޓިން އާއި އެހެނިހެން އިތުރު ހަރަދުތައް ފޫބެއްދުމަށްޓަކައި، އުފެއްދުމަށް ހޭދަވި މިންވަރުގެ މަދުވެގެން ދެގުނަ އާމްދަނީގެ ގޮތުގައި ހޯދަން ޖެހޭނެ އެވެ.
ވުޑީ އާއި ބަޒްގެ ކެރެކްޓާތައް 1995 ވަނަ އަހަރު އާންމުންނަށް ތައާރަފުވި ފަހުން، ޓޯއި ސްޓޯރީ ސީރީޒަކީ ޕިކްސާގެ އެންމެ ފައިދާ ބޮޑު އެއް ފްރެންޗައިޒެވެ. މި ސީރީޒްގެ ފިލްމުތަކަށް މިހާތަނަށް ދުނިޔޭގެ ބޮކްސް އޮފީހުން ތިން ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ.
ރެކޯޑު އާމްދަނީއަކާއެކު "ޓޯއި ސްޓޯރީ 5" ބޮކްސް އޮފީހުގެ ކުރީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ