ކޭޕް ވާޑޭއިން އަނެއްކާވެސް ހައިރާންކަމެއް، މިހާރު ދައްކަނީ ދެވަނަ ބުރުގެ ވާހަކަ

ކުޑަކުޑަ ޖަޒީރާ ގައުމު، ކޭޕް ވާޑޭއިން ދެވަނަ މެޗުގައި ވަރުގަދަ އުރުގުއޭވެސް ހިފަހައްޓައި ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިއުމުގެ ވާހަކަ ދައްކަން ފަށައިފި އެވެ. 
އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗު ކޭޕް ވާޑޭއިން އެއްވަރު ކުރީ 2-2 ންނެވެ. އެ ޓީމުން ވަނީ މިހާރު ދުނިޔޭގެ ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ އުރުގުއޭ އަދި ސްޕެއިން ވެސް ހުއްޓުވައިފަ އެވެ. އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަ ކުރި އެވެ. 
ފުރަތަމަ ލީޑް ނެގީ ވެސް ކޭޕް ވާޑޭއިންނެވެ. މެޗުގެ 21 ވަަނަ އެ ޓީމުގެ ލަނޑު ޖެހީ ކެވިން ޕިނާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އުރުގުއޭއިން ނަތީޖާ ހަމަހަމަކޮށް ލީޑް ވެސް ފުޅާ ކުރި އެވެ.
އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު 44 ވަނަ މިނެޓްގައި މެކްސިމިލިއާނޯ އަރައޫހޯ ބޮލުން ފޮނުވާލި ހަމަލާއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަގުސްޓިން ކަނޯބިއޯ ވަނީ ލަނޑެއް ޖަހައި އުރުގުއޭ ލީޑު ހޯދައިދީފަ އެވެ.
އެކަމަކު ދެވަނަ ހާފަށް ނުކުމެ، ކޭޕް ވާޑޭއިން ވަނީ އަލުން މެޗުގެ ތެރެއަށް ވަދެފަ އެވެ. އުރުގުއޭގެ ޑިފެންޑަރު މަތިއަސް އޮލިވޭރާ އާއި ގޯލްކީޕަރު ފެނާންޑޯ މުސްލޭރާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކޭޕް ވާޑޭގެ ބަދަލު ކުޅުންތެރިޔާ ހީލިއޯ ވަރޭލާ ވަނީ ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެޗެ.
ކޭޕް ވާޑޭއިން ގްރޫޕް އެޗްގެ ފަހު މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނުކުންނައިރު، އެ މެޗުން މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް އެޓީމަށް ކަށަވަރުވާނެއެވެ.
ގާތްގަނޑަކަށް ރާއްޖެއާ އެއްވަރުގެ އާބާދީއެއް އޮތް، ކުޑަކުޑަ ކޭޕް ވާޑޭއިން ގަދަ 32 ގެ ބުރާ ގާތަށް ފިޔަވަޅެއް އަޅައިފަ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ކޭޕް ވާޑޭގެ ކޯޗު ބުބިސްޓާ ބުނީ، އެންމެ ފުރަތަމަ ވެސް އެޓީމުގެ އަމާޒަކީ އެންމެ މަތީ ފަންތީގައި ވާދަކުރުން ކަމަށެވެ. އަދި  ދެ މެޗުގައި ފެނިގެންދިޔައީ އެ މަންޒަރު ކަމަށް އޭނާ ބުންޏެވެ.
ނަތީޖާއަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ދަނޑުމަތީގައި އެ ޓީމުގެ ވަރުގަދަކަމާއި އެއްބައިވަންތަކަން މުޅި ދުނިޔެއަށް ދެއްކުމަކީ ލިބުނު ބޮޑު ކާމިޔާބުކަމަށް އޭމާ ބުޓިސްޓާ ބުންޏެވެ.
"އަހަރެމެން މިތިބީ އާ ހުވަފެނެއް ހަގީގަތަކަށް ހަދަން ވާދަކުރަން. އެއީ ދެވަނަ ބުރަށް ކޮލިފައިވުން. އެގޮތަށް ވިސްނުމަކީ އަހަރެމެންނަށް ހައްގުވާ މިންވަރެއް. .. މިހާރު މިހިސާބަށް އާދެވުނީމާ ޔަގީނުންވެސް ބުނެވޭނީ ދެވަނަ ބުރަށް ދާން އަހަރެމެން ގުރުބާން ވާނަމޭ،" ބުބިސްޓާ ބުންޏެވެ.
"އަހަރެމެން ބޭނުންވަނީ މުޅި ދުނިޔެއަށް އަހަރެމެންނަކީ ދެވަނަ ބުރަށް ދާން ވާދަކުރެވޭ ފެންވަރުގެ ޓީމެއްކަން ސާބިތުކޮށްދޭން. އަދި މިއަދުގެ މެޗުގައި ފެނިގެންދިޔައީ އެ މަންޒަރު ކަމަށް ގަބޫލުކުރަން. މިވަގުތު އަހަރެމެންގެ މުޅި ވިސްނުން ހުރީ ހަމައެކަނި ކުރިއަށް އޮތް ބުރަށް ކޮލިފައިވުމަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ