ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ، ބޮޑު މެދުކެނޑުމެއް އައި މެޗުން އިރާގުގެ މައްޗަށް 3-0 އިން ކުރިހޯދައި ފްރާންސް އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ފްރާންސުން މުބާރާތް ފެށީ ސެނެގާލް އަތުން 3-1 އިން މޮޅުވެގެންނެވެ. އަދި، ދެ ވަނަ މެޗުގައި އިރާގު ބަލިކޮށް ފްރާންސް އިން މި ވަނީ ބާކީ މެޗެއް އޮއްވައި، ގަަދަ 32 ޓީމު ވާދަކުރާ ބުރުން ޖާގަ ޔަގީންކޮށްފަ އެވެ. އެންމެ ފަހުން ދެ ވޯލްޑް ކަޕްގެ ވެސް ފައިނަލުގައި ކުޅުނު ފްރާންސަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ.
ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށުމުގެ ކުރިން ވެސް ވަނީ ތޫފާނެއްގެ އަސަރު އުޅޭތީވެ، މޫސުމާ މެދު ސަމާލުވާން އެލާޓް ނެރެފަ އެވެ. މެޗު ފަށައިގެން މޫސުން ރަނގަޅުކޮށް އޮތްއިރު، ފްރާންސް އިން ވަނީ 14 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، މައިކަލް އޮލީސޭ ދިން ބޯޅައަކުން އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކީލިއަން އެމްބާޕޭ ޖެހި ގޯލެކެވެ. މި ލަނޑާ އެކު، އެމްބާޕޭ ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްތަކުގައި ޖުމްލަ އެކު، 15 ލަނޑު ޖަހައިފަ އެވެ.
ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ވާރޭ ވެހެން ފެށިއިރު، ދެ ޓީމަށް ވެސް އޭގެ ސަބަބުން އެޓޭކުކުރުމުގައި ގޮންޖެހުންތަކެއް ދިމާވި އެވެ. އެ ގޮތުން، ފްރާންސް އިން ކުރި އެޓޭކެއްގައި އެމްބާޕޭ ރަނގަޅު ކޮންޓްރޯލެއް ކުރުމަށް ފަހު، އިރާގުގެ އޭރިއާތެރެއިން ބޯޅަ ފޮނުވާލެވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވެ، ލީޑުފުޅާކުރަން ފުރުސަތު ގެއްލުނީ އެވެ.
ފްރާންސް އިން ލީޑުގައި އޮވެގެން ފުރަތަމަ ހާފު ނިމުމުއިރު، ވިއްސާރައިގައި ޖެހި، މޫސުން ގޯސްވެގެން ދެ ވަަނަ ހާފު ފަށަން ޖެހުނީ ދޮޅުގަޑިއިރެއްހާއިރު ފަހުންނެވެ. ދެ ވަނަ ހާފުގެ ކުޅުން. ފަށައިގެން ނުވަ މިނިޓް ތެރޭ ފްރާންސް އިން ދެ ވަނަ ލަނޑު ޖެހި އެވެ. އެ ގޮތުން، އިރާގުގެ އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާނަގައި، އޮސްމާން ޑެމްބެލޭ ދިން ބޯޅަ އެމްބާޕޭ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.
މިއީ، އެމްބާޕޭ، ފްރާންސަށް ކުޅެދިން 100 ވަނަ މެޗެވެ. އޭނާ ވަނީ މި މެޗުތަކުގައި ޖުމްލަ އެކު، 60 ލަނޑު ޖަހައިފަ އެވެ. ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލ ޖަހައިދިނުމުގެ ރެކޯޑް މިހާރު އޮތީ އެމްބާޕޭ އަތުގަ އެވެ.
ގާތްގާތުގައި ރަނގަޅު އެޓޭކްތަކެއް ކުރަމުންދިޔަ ފްރާންސް އިން ވަނީ 66 ވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޮލީސޭ ބަލާލުމަށް ފަހު، އޭރިއާތެރެއިން ޑެމްބެލޭ އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. އޭގެ، 10 މިނިޓް ފަހުން، އިރާގުގެ ފޯވާޑް، އަލީ އަލްހަމަދީ ވެއްޓިގެންފައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އޭގެ ފަހުން، ހެޓްރިކް ފުރިހަމަކުރަން ޖާގައެއް ހޯދުމަށް ފަހު، އެމްބާޕޭ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ. އަދި، މެޗުގެ ފަހުކޮޅުގައި އަމިއްލަ އަށް ބޯޅަ ހިފައިގެން ގޮސް ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ދޮޅުގަޑިއިރަށް މެދުކަނޑާލަން ޖެހުނު މެޗުން މޮޅުވެ ފްރާންސް ދެ ވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ