ވީއައިއޭއަށް ވަންނަ މަގު މަރާމާތަށް ވަގުތީ ގޮތުން ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގު މަރާމާތު ކުރުމަށް ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ ވީއައިއޭއަށް ވަންނަ މައި މަގު އެއްވަރު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
މި މަސައްކަތް ކުރިއަށްދާނީ ހަތަރު ފޭސްއަކަށް ބަހާލައިގެން މި މަހު ހަތް ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް ކަމަށް ވެސް ބުންޏެވެ.
މި ވަގުތުތަކުގައި ޓްރެފިކް ބަލަހައްޓައި، ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ މުވައްޒަފުން ހަރަކާތްތެރި ވާނެ ކަމަށާ އޭގެ އިތުރުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތަކާއި މާކިންތަކާއި ބެރިއާތައްވެސް ބަހައްޓާފައި ހުންނާނެ ކަމަށް ބުންޏެވެ.
މިކަމުގެ ސަބަބުން އެއާޕޯޓަށް އަންނަ މީހުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ބުންޏެވެ. އެމްއޭސީއެލް އިން ބުނީ އެއާޕޯޓް ބޭނުންކުރާ މީހުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ