ރައްޔިތުން ބުޅާ ނަޖިހުގައި ބައިތިއްބައި ސަރުކާރުން ތިބީ ބުޅާތައް މަރުވާން ދޫކޮށްލައިގެން: އާޒިމް

ރައްޔިތުން ބުޅާ ނަޖިހުގައި ބައިތިއްބައި، ސަރުކާރުން ތިބީ ބުޅާތައް މަރުވާން ދޫކޮށްލައިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް މީގެ ހަތަރު ހަފުތާއެއް ކުރިން ގެއްލެން ފަށާފައިވާތީ ބުޅަލަށް އެހީތެރިވާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުން، ބަޔަކު ބުޅާތައް މަރަނީއެވެ. އެ މައްސަލަ ފުލުހުން ވަނީ ބަލަން ވެސް ފަށާފައެވެ. މިއަދު މޭޔަރު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކާއި އެހެން އެއްޗެހި ވެސް ނަގަނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ކުރާ ކަމެއް ނޯންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. މަގުމަތީ އުޅޭ ބުޅަލެއް: އާޒިމް ވަނީ ބުޅާތައް މަރުވާން ދޫކޮށްލައިގެން ސަރުކާރުން ތިބީ ކަމަށް ވިދާޅުވެފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ އެ ކައުންސިލުން ފަރުކޮޅު ފުށީގައި ހެދި ބުޅާ ފެސިލިޓީ މިނިސްޓްރީން 'ގަދަކަމުން އަތުލައިގެން' އަމިއްލަ މީހުންގެ ބުޅާތައް އެ ތަނަށް ލައިގެން އުޅޭ ޚަބަރު ލިބޭ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. ބުޅާތައް މަރުވާން ދޫކޮށްލައިގެން އަދި ރައްޔިތުން ނަޖިހުގައި ބައިތިއްބައިގެން ސަރުކާރުން ތިބުމަކީ ވަރަށް އަނިޔާވެރި ޒިންމާދާރުކަން ކުޑަ އަމަލެއް މަގުމަތީގައި އުޅޭ ބުޅާތައް ވަގުތުން ވަގުތަށް ފެސިލިޓީއަށް ގެންދަން ގޮވާލައި، އާޒިމް ވަނީ، ބުޅާތައް ލާނެ ތަނެއް ނެތިގެން މިހާރު އުޅެން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވެފައިވާ މައްސަލަ ހައްލުކުރުމަށް 'އޮޅު ހިޔާ'ގެ ނަމުގައި ހުޅުމާލެ ފަރުކޮޅު ފުށީގައި މާލޭ ސިޓީ ކައުންސިލުން ވަނީ ފެސިލިޓީއެއް ހަދައިފައެވެ. ސިޓީ ކައުންސިލުން އެތަން ހެދީ ބުޅަލުގެ މައްސަލަ ހައްލު ކުރަން ސިޓީ ކައުންސިލުން އެތަން ބަލަހައްޓާ ގޮތަށެވެ. މާލޭގެ މަގުމަތީ އުޅޭ ބުޅާތަކެއް: އާޒިމް ވަނީ ބުޅާތައް މަރުވާން ދޫކޮށްލައިގެން ސަރުކާރުން ތިބީ ކަމަށް ވިދާޅުވެފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ ނަމަވެސް ފަހުން، މިދިޔަ ފެބްރުއަރީ މަހު 26ގައި މިނިސްޓްރީން ވަނީ ފެސިލިޓީއާ ހަވާލުވެ، 15 ބުޅާ އެތަނަށް ގެންގޮސްފައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މިހާތަނަށް 30 ބުޅާ އެތަނަށް ގެންގޮސްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލް އޮކިއުޕަންސީގައި ބުޅާ ފެސިލިޓީ ހިންގާއިރު، ނޮން ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަދި އެ ފެސިލިޓީގައި 2،000 ބުޅާ ގެންގުޅެން, މަހަކު 700،000 (ހަތް ލައްކަ) ރުފިޔާ ޚަރަދުވާނެ ކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވި ނަމަވެސް މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް އެއްވެސް ހައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި ގިނަ އަދަދެއްގެ ބުޅާ އަދިވެސް އުޅެނީ ހަމަ މަގުމަތީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ