ބައިބަލާ 1447: ފުރަތަމަ މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ދަ ވަން ސްޕޯޓްސް ކުލަބު

ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ކުޅިވަރު ހަރަކާތް ކަމުގައިވާ ބައިބަލާގެ އެންމެ ޝަރަފުވެރި މުބާރާތް، ޢީދު ބައިބަލާ ޗެލެންޖް 1447 ގެ ފުރަތަމަ މެޗުގައި ކުޑަހެންވޭރު ސްޕޯޓްސް ކުލަބާއި ދަ ވަން ސްޕޯޓްސް ކުލަބު ބައްދަލުކުރަން ޖެހިއްޖެއެވެ.
ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބުދަ ދުވަހުގެރޭ ވަނީ މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.
ޖުމްލަ 38 ޓީމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރާއިރު، މުބާރާތް ކުރިއަށް ދަނީ އެހެން އަހަރުތަކާ ތަފާތު ފޯމެޓަކަށެވެ. އެގޮތުން މުބާރާތުގެ ކުއާޓަރ ފައިނަލާ ހަމައަށް މެޗުތައް ކުރިއަށްދާނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.
މާނައަކީ، މުބާރާތުގެ ފުރަތަމަ މެޗުން ބަލިވާ ޓީމުތަކަށް ވެސް، މުބާރާތުގައި ކުރިއަށް ދިއުމަށް އިތުރު ފުރުސަތެއް ލިބޭނެއެވެ.
މުބާރާތުގެ ފުރަތަމަ ބުރު ނުވަތަ ޕްރިލިމިނަރީ ބުރުގައި ޖުމްލަ ހަ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ދަ ވަން ސްޕޯޓްސް ކުލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ކުޅޭނީ ކުޑަހެންވޭރު ލަޔަންސްއާއި ދަ ބީޒް އެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބު ވާދަކުރަން ޖެހޭއިރު ހަތަރުވަނަ މެޗުގައި ވާދަކުރާނީ ބުރު ސްޕޯޓްސް ކުލަބާއި ކުލަބު ކާސިންޖީއެވެ.
ފަސްވަނަ މެޗުގައި ކާސިންޖާޒް އާއި ޓީސީ ފްރެޓާނިޓީ ބައްދަލުކުރާއިރު ހަވަނަ މެޗުގައި ކުޅޭނީ ދަ ވުލްވްސް ކުލަބާއި ޖަނަވަރީއަންސް އެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެރެއެވެ. ހުރިހާ މެޗެއް ވެސް ކުޅޭނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އޮންނަ ހުސް ބިމުގައެވެ.
މިފަހަރުގެ މުބާރާތަށް ވެސް ބައިބަލާ އެސޯސިއޭޝަނުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެ، ވަރަށް ހައިބަތު ބޮޑު ބައިބަލާ މައިދާނެއް ވެސް ތައްޔާރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ