އަފްޣާނިސްތާނުގެ ސަރުކާރު ބަލައިގަންނަ ފުރަތަމަ ގައުމަކަށް ރަޝިޔާ

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަތް ފުރަތަމަ ގައުމަށް ރަޝިޔާ ވެއްޖެއެވެ. އެކަމާ ގުޅިގެން ރަޝިޔާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ރަޝިޔާގެ މި ނިންމުމަކީ އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވިތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން ޠާލިބާނުންނަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ޠާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު، އަމީރު ޚާން މުއްތާގީ ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ހަރުކަށި އުސޫލުތަކަކާއި ޝަރީއަތުގެ ގާނޫނު ތަންފީޒުކުރާ ވެރިކަމެއް ގަބޫލުކުރަން ފަސްޖެހިފައިވާ އެހެން ގައުމުތަކަށް އެއީ ނަމޫނާއަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް ތާލިބާނުންނާ ގުޅުން ބަދަހި ކުރުމަށް އެއްވެސް ގައުމަކުން އަޅާ އެއްވެސް ފިޔަވަޅަކުން ސުލްހައެއް ނުލިބޭނެ ކަމަށް އަފްޣާނިސްތާނުގެ ކުރީގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ފައުޒިޔާ ކޫފީ ވިދާޅުވިއެވެ. އެކަމާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ހަކަތައާއި ދަތުރުފަތުރާއި ދަނޑުވެރިކަމާއި އުމުރާނީ މަސައްކަތްތަކުގައި ވިޔަފާރިއާ އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމުގެ ފުރުސަތު އޮތް ރަޝިޔާއަށް އެބަ އޮތް ކަމަށާއި، ޓެރަރިޒަމާއި މަސްތުވާތަކެތީގެ ނުރައްކަލާ ދެކޮޅަށް ވެސް އެހީތެރިވެދޭނެ ކަމަށެވެ. އަފްޣާނިސްތާނުގެ ސަގާފަތާއި އިސްލާމީ ޝަރީއަތަށް އެމީހުން މާނަކުރާ ގޮތާ އެއްގޮތަށް އަންހެނުންގެ ހައްގުތަކަށް އިހުތިރާމްކުރާ ކަމަށް ތާލިބާން ސަރުކާރުން މީގެކުރިން ބުނެފައިވެއެވެ. އެކަމަކު 2021 ވަނަ އަހަރުން ފެށިގެން 12 އަހަރުން މަތީގެ އަންހެން ކުދިންނަށް ތައުލީމު ހާސިލް ކުރުމަށް ހުރަސް އަޅައި، އަންހެނުން ވަޒީފާތަކަށް ދިއުން ވެސް ޠާލިބާން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބައި، 2021 ވަނަ އަހަރު ޠާލިބާނުން ވެރިކަމާ ހަވާލުވުމުން، އަފްޣާނިސްތާނުގައި ހުރި ގިނަ އެމްބަސީތައް ބަންދު ކުރި ނަމަވެސް، ރަޝިޔާއަކީ އެމްބަސީ ބަންދު ނުކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި 2022 ވަނަ އަހަރު އަފްޣާނިސްތާނަށް ތެލާއި ގޭހާއި ހަނޑުލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ޠާލިބާނުންނާއެކު ބައިނަލްއަގުވާމީ އިގްތިސާދީ އެއްބަސްވުމެއްގައި އެންމެ ފުރަތަމަ ސޮއިކުރި ގައުމަކީވެސް ރަޝިޔާއެވެ. ރަޝިޔާގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ޠާލިބާނުން އުނިކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެސް ވަނީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ތާލިބާނުންނަކީ " އެކުވެރިއެއް" ކަމަށް ބުނެ މިދިޔަ އަހަރުގެ ޖުލައި މަހު ވާހަކަފުޅު ދައްކަވާފައެވެ. ތާލިބާނުންގެ މަންދޫބުން ވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާތަކަށް ރަޝިޔާއަށް ޒިޔާރަތްވެސް ކޮށްފައެވެ. ނަމަވެސް މި ދެގައުމަކީ ހަމަނުޖެހުންތަކުގެ ތާރީހެއް އޮތް ދެ ގައުމެވެ. ރަޝިޔާ ހިމެނޭ ސޯވިއެޓް ޔޫނިއަން އިން 1979 ވަނަ އަހަރު އަފްޣާނިސްތާނަށް އަރައި، ނުވަ އަހަރުގެ ހަނގުރާމައެއް ކުރިއެވެ. އެ ހަނގުރާމައިގައި ސޯވިއަޓް ޔޫނިއަންގެ 15،000 މުވައްޒަފުން މަރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ