ރާއްޖެ އެތެރެކުރުން މަނާ ބޭހެއް ގެންގުޅުނުކަމަށް ބުނެ ޒުވާނަކު ހައްޔަރުކޮށްފި
ރާއްޖެ އެތެރެކުރުން މަނާ ބޭހެއް ގެންގުޅުނުކަމުގެ ތުހުމަތުގައި 24 އަހަރުގެ ޒުވާނަކު މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން ބުދަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކުރި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ، ސާތީ، އުމުރުން 24 އަހަރުގެ ޙުސައިން ޝާނިމެވެ. އޭނާ ހައްޔަރުކުރުމަށްފަހު، އޭނާއާ ގުޅުންހުރި ތިން ތަނެއް ބަލާ ފާސްކުރިކަމަށް ފުލުހުން ބުންޏެވެ. އެ ތަންތަން ބަލައިފާސްކުރިއިރު 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ވަނީ ފެނުނުކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް ވަނީ އަމުރުކުރިކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ރާއްޖެ އެތެރެކުރުން މަނާ ބޭހާއި މަސްތުވާތަކެތި އެތެރެކޮށް އެ ވިޔަފާރިކުރުން ޒުވާނުންގެ މެދުގައި އާންމު ކަމަކަށް ވަމުން އަންނައިރު، ނުރައްކާތެރި ބާވަތްތައްކަމަށްވާ ޕާޓީ ޑްރަގްސްފަދަ ތަކެތި އިތުރުވަމުން އަންނަކަމުގެ ކަންބޮޑުވުން ވެސް އިތުރެވެ. މި ކަންކަން ދެނެގަނެ، ކުށްކުރާ މީހުން ހޯދުމަށް ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ