ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ސެމީ އަށް ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ސެމީ އަށް

ޕެންސިލްވޭނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - ބްރެޒިލްގެ ޕަލްމެއިރާސް އަތުން 2-1 އިން މޮޅުވެ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި އެވެ.
ފިލަޑެލްފިއާގެ ލިންކޮން ފިނޭންޝިއަލް ފީލްޑްގައި ކުޅުނު މެޗުގައި، ޗެލްސީން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ޓީމުން މެޗުގައި ކުރިހޯދީ 16 ވަނަ މިނިޓްގައި ކޯލް ޕާމާ ޖެހި ގޯލުންނެވެ. ޗެލްސީގެ ޓްރެވާ ޗަލޯބާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޕާމާ ތިރިތިރިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަަނަށެވެ.
މި ލަނޑާ އެކު، ފުރަތަމަ ހާފުގައި ޗެލްސީ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން މާ ލަސްތަކެއް ނުވެ، ޕަލްމެއިރާސް އިން އެއްވަރުކުރި އެވެ.
އެ ގޮތުން، މެޗުގެ 53 ވަނަ މިނިޓްގައި މި ލަނޑު ޖެހީ މި މުބާރާތަށް ފަހު، ޗެލްސީއާ ގުޅެން ނިންމާފައިވާ ހުނަރުވެރި ތަރި، އެސްޓެވާއޯ އެވެ. އޭރިއާތެރެއިން އެސްޓެވާއޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒަށް ފުރުސަތެއް ނުދީ ހަނި އޭންގަލުންނެވެ. އެސްޓެވާއޯގެ ސޮއި ހޯދަން ޗެލްސީން ޖުމްލަ އެކު، 50 މިިލިއަން ޑޮލަރަށް ވުރެ އިތުރަށް ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މެޗު އެއްވަރުވެގެން އިތުރު ވަގުތުގެ ދެ ހާފު ކުޅުމާ ދިމާލަށް މިސްރާބު ދަނިކޮށް، ޗެލްސީ މޮޅުވި ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. މިއީ، މެޗުގެ 83 ވަނަ މިނިޓްގައި، ޕަލްމެއިރާސްގެ ކީޕަރު، ވެވާޓަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޗެލްސީގެ ފުލްބެކް، މަލޯ ގުސްޓޯ ނެގި ހުރަހެއް ދިފާއުުކުރަން އުޅުމުގެ ތެރޭގައި، ވެވާޓަން އަތުގައި ޖެހިފައި ބޯޅަ ވަނީ ބައިކޮޅަށެވެ.
މި މެޗުގައި، ދާދި ފަހުން ޗެލްސީ އަށް ސޮއިކުރި، ބްރެޒިލްގެ ފޯވާޑް، ޖާއޯ ޕެޑްރޯ ވެސް ވަނީ ކުޅެފަ އެވެ.
އެންޒޯ މަރެސްކާގެ ކޯޗުކަމުގައި ކުޅޭ ޗެލްސީން ސެމީ ފައިނަލުގައި ކުޅޭނީ ވެސް ބްރެޒިލްގެ ޓީމަކާ އެވެ. އެ ގޮތުން، ސެމީގައި ޗެލްސީއާ ދެކޮޅަށް ކުޅޭނީ ކުރިން އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި، 40 އަހަރުގެ ޑިފެންޑަރު، ތިއާގޯ ސިލްވާގެ ކޯޗުކަމުގައި ކުޅޭ ފްލުމިނެންސޭއާ އެވެ. ފްލުމިނެންސޭ އިން ސެމީ އަށް ދިޔައީ ރޭ އަލް ހިލާލް 2-1 އިން ބަލިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ