ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރަން ކުރި އިއުލާނު ބާތިލްކޮށްފި ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރަން ކުރި އިއުލާނު ބާތިލްކޮށްފި

ހއ. ކެލާ ފަޅު ތެރޭގައި ދެ ރިސޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަންކުރި އިއުލާނު ބާތިލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު ގެޒެޓުކުރި އިއުލާނުގައި ބުނެފައި ވަނީ ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އިއުލާނު ބާތިލުކުރީ، ޓޫރިޒަމް ތަރައްގީ ވެފައި ނުވާ ހަ އަތޮޅަށް އިންވެސްޓަރުން ޝައުގުވެރިކުރުމަށްޓަކައި ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާތީ، އެ އުސޫލުގެ ތެރެއިން ކެލާ ފަޅުގެ މަޝްރޫއު ހުޅުވައިލުމަށް ކަމަށެވެ.
ކެލާގެ އިހުތިސާސުން 325.5 ހެކްޓަރު އުނިކުރުމުގެ ގަރާރު ގެޒެޓުކުރީ މިއަހަރުގެ މާޗު 29 ގަ އެވެ.
އެފަޅުގައި ތަރައްގީކުރާ ޕްލޭންކޮށްފައިވާ ދެ ރިސޯޓުގެ ތެރެއިން ފުރަތަމަ ރިސޯޓަށް ކަނޑައަޅާފައިވަނީ 169.3 ހެކްޓަރެވެ. އެ ސަރަހައްދުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2،032،110 ޑޮލަރެވެ. ދެވަނަ ރިސޯޓަށް 156.2 ހެކްޓަރު ކަނޑައަޅައި އަގަކަށް ކަނޑައެޅީ 1،996،740 ޑޮލަރެވެ.
އެ މަޝްރޫއުއަށް މާޗު މަހު ހުޅުވައިލިއިރު ބީލަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ މިއަދުގެ 1:00 ގެ ނިޔަލަށެވެ.
ނަމަވެސް އެ މަޝްރޫއު އަލުން އިއުލާނެއް އަދި ނުކުރެ އެވެ.
ކެލާގެ ފަޅު ތެރޭ ފަތުރުވެރިކަމުގެ ދާއިރާގެ ފެސިލިޓީއެއް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއުގެ ސަބަބުން ކެލާގެ ރައްޔިތުންނަށް، ހާއްސަކޮށް އެ ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށްވެސް ރައީސް މުއިއްޒު، ރިޔާސީ ކެމްޕޭނުގައި ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ