ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން އުޅޭ ވާހަކައަކީ ދޮގެއް: ސައީދު

ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ސަރުކާރުން ބޭރުގެ ފަރާތަކަށް ވިއްކާލަން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވައިފިއެވެ.
މިދިޔަ ބްރާސްފަތިދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ވަނީ، އަދުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭކަމަށް ތުހުމަތުކުރައްވައި ވާހަކަދައްކަވާފައެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަަކެއް ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓް ވިއްކާލުމުގެ ގޮތުން ސިންގަޕޫރުގައި ބަޔަކާ ވާހަކަދައްކާފައި ނުވާނޭކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީނު ވިދާޅުވެފައިވަނީ، މި ސަރުކާރުން އަދާނީ ގްރޫޕަށް ހަނިމާދޫ އެއާޕޯޓް ވިއްކާލުމަށްޓަކި އެކަމާ ގުޅޭގޮތުން ސިންގަޕޫރުގައި ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށެވެ. އެގޮތުން އެ މުއާމަލާތުގައި އަދާނީ ގްރޫޕްގެ ޗެއާމަނާ ސަރުކާރުގެ ފަރާތުން ބައްދަލުކޮށްފައިވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސް ޔާމިނު ވިދާޅުވެފައިވަނީ ސަރުކާރުން ވިއްކުމަށް ނިންމާފައިވާ ތަންތަނުގެ ލިސްޓްގައި ހަނިމާދޫ އެއާޕޯޓް ހިމެނޭކަން ފާހަގަކުރައްވާފައެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުއެވެ. އެ މަޝްރޫޢު ސަރުކާރުން ފަށާފައިވަނީ އަވައްޓެރި އިންޑިއާ ސަރުކާރުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިޓީގެ ދަށުންނެވެ. 
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް މިމަހުގެ އެއްވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އެގޮތުން މިހާރު ޕަސިންޖަރ ޓަރމިނަލްގެ މަސައްކަތުގެ %83  ނިމިފައިވާކަމަށާއި، އެއަރ ކޮންޓްރޯލް ޓަވަރ އަދި ހޭންގަރ އަދި ކާގޯ އިމާރަތުގެ %96 ވަނީ ނިމިފައިކަމަށް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތްތަކާއި އެކު މި މަޝްރޫއުގެ %88 މިހާރު ނިމިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ރަންވޭއަށް އެންމެ ބޮޑެތި ބޯޓްފަހަރު ޖެއްސޭ ފެންވަރަށެވެ. ރަންވޭއަށް އޭ-320 އަދި ބޮއިންގް-737ގެ މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭއިރު، މި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ބޭއްވޭ ޖާގައިގެ އޭޕްރަންއެއް ވެސް ވަނީ ތަރައްޤީކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ