މަރުވި ޖޮޓާގެ ކޮންޓްރެކްޓް ބާކީ މުސާރަ އާއިލާ އަށް، ދަރިންގެ ހަރަދު ވެސް ލިވަޕޫލުން: ރިޕޯޓް މަރުވި ޖޮޓާގެ ކޮންޓްރެކްޓް ބާކީ މުސާރަ އާއިލާ އަށް، ދަރިންގެ ހަރަދު ވެސް ލިވަޕޫލުން: ރިޕޯޓް

ޕޯޓޯ، ޕޯޗުގަލް (ޖުލައި 5) - ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުން އަންނަ 28 އަހަރުގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ މަރުވެފައިވާއިރު، އޭނާގެ ކޮންޓްރެކްޓްގެ ބާކީ އޮތް ދެ އަހަރުގެ މުސާރަ ލިވަޕޫލުން ޖޮޓާގެ އާއިލާ އަށް ދޭން ނިންމާފައިވާ ކަމަށް ޕޯޗުގީސް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި، ބުދަ ދުވަހުގެރޭ ދަންވަރު، ހިނގި މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ސިލްވާ ވެސް މަރުވި އެވެ. ބާރު ސްޕީޑުގައި ދުއްވާފަައިދިޔަ ލަމްބޯގިނީ ސްޕޯޓްސް، ކާރުގެ، ޓަޔަރުގައި އަލިފާން ރޯވެ، ހުޅުގަނޑު ފަޅައިގެންދިޔައީ އެވެ.
ކާރު އެކްސިޑެންޓުގައި މަރުވި، ޖޮޓާގެ ކޮއްކޮ، އަންޑްރޭ، 24 އަކީ ޕޯޗުގަލް ދެ ވަނަ ޑިވިޝަނުގައި، ޕެނަފިއޭލް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ޖޮޓާ އާއި ސިލްވާ ދުއްވި ކާރުގެ މި އެކްސިޑެންޓް ކަންކަންދިޔަ ގޮތުގެ ތަހުގީގެއް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޖޮޓާ، އެކްސިޑެންޓެއްގައި މަރުވިއިރު، އޭނާގެ ލޯބިވެރިޔާ، ރޫޓް ކާޑޯސޯއާ ކައިވެނި ކޮށްފައިވަނީ، މީގެ ދެ ހަފްތާ ކުރިން މިދިޔަ މަހުގަ އެވެ. އަދި، 10 އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، މިދިޔަ މަހު 22 ވަނަ ދުވަހު ކައިވެނިކުރި ޖޮޓާ އާއި ރޫޓް އަށް ތިން ދަރިން ލިބިފައިވެ އެވެ. ތިން ދަރިިން ވެސް ފަސް އަހަރަށް ވުރެ ކުޑަ އެވެ.
ވުލްވްސް ޓީމު ގޮވައިގެން އިނގިރޭސި ޕްރިމިއާ ލީގަށް އައި ޖޮޓާ، 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވީ، 50 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ލިވަޕޫލުން ވަނީ ޖޮޓާ ބޭނުންކުރަމުން އައި، 20 ނަމްބަރު ޖޯޒީ ދެން ބޭނުންނުކުރަން ނިންމައިފި އެވެ. އެކަން ރަސްމީކޮށް ވަނީ އިއުލާނުކޮށްފަ އެވެ.
މީގެ އިތުރުން، ޕޯޗުގީސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ޖޮޓާގެ ކޮންޓްރެކްޓް ހަމަވަންދެން، އޭނާގެ އާއިލާ އަށް މުސާރަ ދޭން ލިވަޕޫލުން ވަނީ ނިންމައިފަ އެވެ. އަދި، ޖޮޓާގެ ދަރިންނަށް ގާނޫނީ ގޮތުން، އާއިލާގެ ޒިންމާއާ ހަވާލުވެފައި އޮންނަ މުއްދަތަށް ހިނގާ ހަރަދުތައް އުސޫލުތަކެއްގެ ތެރެއިން ހަމަޖައްސަައިދޭން ވެސް ލިވަޕޫލުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޖޮޓާ ވަނީ ދާދި ފަހުން، ފުއްޕާމޭގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެހެންވެ، އޭނާ އަށް މި ވަގުތު ފްލަައިޓްގައި ދަތުރުނުކުރުމަށް ޑޮކްޓަރުން ލަފާ ދީފައި އޮތުމުން، މި ހަފްތާގައި ފަށާ ލިވަޕޫލްގެ ޕްރީ ސީޒަން ޕްރެކްޓިހާ ގުޅުމަށް އިންގްލެންޑަށް ދިއުމަށް ޖޮޓާ ނިންމާފައި އޮތީ، ސްޕެއިނުން އިންގްލެންޑް އަށް ދާ ފެރީއެއްގަ އެވެ. އެކަމަކު، އެ ދަތުރާ ހަމައަށް ނުގޮސް، ޖޮޓާ މި ވަނީ، އެކްސިޑެންޓްގައި މަރުވެފަ އެވެ.
މިދިޔަ އަަހަރުގެ އޮކްޓޫބަރު މަހު، އިނގިރޭސި ޕްރިމިއާ ލީގުގައި، ޗެލްސާއާ ދެކޮޅަށް ކުޅެނިކޮށް، ޖޮޓާ މެޔަށް ލިބުނު އަނިޔާއަކާ ހެދި އޭނާ އަށް ދެ މަސް ދުވަހު ކުުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، އޭނާ ފުއްޕާމޭ އޮޕަރޭޝަން ކުރީ ވެސް އެ އަނިޔާ އިން އެއްކޮށް ރަނގަޅުވުމަށެވެ. އޭރު އަނިޔާއިން ރިކަވާވެ، އެއްކޮށް އެކަމަށް ހައްލެއް ހޯދަން ނިންމީ ސީޒަން ނިންމުމަށް ފަހު، އެ އޮޕަރޭޝަން ކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޖޮޓާގެ ޖަނާޒާގެ ކަންކަން މިއަދު އޭނާގެ އުފަން ސަރަހައްދު ޕޯޓޯގައި ކުރިއަށްދާއިރު، ލިވަޕޫލްގައި ޖޮޓާއާ އެކު ކުޅުނު ގިނަ ކުޅުންތެރިންތަކެއް އަދި ޕޯޗުގަލް ގައުމީ ޓީމުގެ ކުޅުންތެރިން އަންނަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި، ރޭ ފީފާ ކްލަބް ވޯލްޑް ކަޕްގައި، ފްލުމިނެންސޭއާ ދެކޮޅަށް ކުޅުނު ސައުދީގެ އަލް ހިލާލްގައި ހިމެނޭ، ޕޯޗުގީސް ދެ ކުޅުންތެރިން ކަަމަށްވާ ޖޮއާއޯ ކަންސޭލޯ އާއި ޖޮޓާގެ އެންމެ ގާތް އެކުވެރިޔާ، ރުބެން ނެވޭސް ވެސް ހިމެނެ އެވެ.
ލިވަޕޫލުން ވަނީ މި ދިމާވި ހާދިސާއާ ގުޅިގެން، ޕްރީ ސީޒަން ޕްރެކްޓިސް ފެށުމުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ