"ޝާކް އައިލެންޑް"ގެ ގޮތުގައި ނެޓްފްލިކްސްއިން މި ދައްކަނީ ފުވައްމުލައް

ދުނިޔޭގެ މަޝްހޫރު ސްޓްރީމިންގެ އެޕް ނެޓްފްލިކްސްއިން އިއްޔެ ދައްކަން ފެށި ސީރީޒް "އޯލް ދަ ޝާކްސް"ގައި ފުވައްމުލަކުގެ މަންޒަރުތަކެއް ދައްކައިލައިފިއެވެ. މި މަންޒަރުތައް ދައްކައިފައި ވަނީ، "އައި އޮފް ދަ ޓައިގާ ޝާކް"ގެ ނަމުގައި ނެރުނު މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައެވެ. ފުވައްމުލަކުގެ "ޝާކް ޕޮއިންޓް" މަޝްހޫރުވެފައި ވަނީ ފެމުނު މިޔަރު ގިނަ އަދަދަކަށް ފެންނަ ސަރަހައްދެއްގެ ގޮތުގައެވެ. މި ސީރީޒްއަކީ މެރިން ސައިންޓިސްޓުންގެ ހަތަރު ޓީމަކުން އެންމެ ގިނަ ވައްތަރުގެ އަދި އެންމެ ތަފާތު ވައްތަރުގެ މިޔަރު ފޮޓޯނަގަން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވައިލާ ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. މި ސީރީޒްގައި ފޮޓޯ ނަގާ މިޔަރުތަކުގެ ތަފާތުކަމަށް ބަލައި ޕޮއިންޓު ލިބޭ އިރު، މި ސީރީޒްއިން މޮޅުވާ ޓީމަކަށް 50،000 ޑޮލަރު ލިބޭނެއެވެ. "ޝާކް އައިލެންޑް"ގެ ގޮތުގައި ނެޓްފްލިކްސްއިން މި ދައްކަނީ ފުވައްމުލައް މި ފައިސާ ހޭދަކުރާނީ އެމީހުން އިހުތިޔާރުކުރާ މެރިން ކޮންޒަވޭޝަން ޗެރިޓީއަކަށެވެ. ޝޯގައި ފުވައްމުލަކުގެ ވަށައިގެންވާ ކަނޑު އަޑީގެ ސަރަހައްދު ދައްކާއިރު، ރަށުގެ މަލަމައްޗާއި އެހެނިހެން ތަންތަން ވެސް ދައްކައެވެ. މި ޝޯގައި ފުވައްމަލަކަށް ނިސްބަތްކޮށް ބޭނުންކޮށްފައި ވަނީ "ޝާކް އައިލެންޑް" މި ބަހެވެ. މި ސީރީޒްގެ އެޕިސޯޑުތައް ފުވައްމުލަކުގެ އިތުރުން ފަސް ސަރަހައްދެއްގައި ޝޫޓުކޮށްފައި ވެއެވެ. އެއީ ޖަޕާން، ސައުތު އެޕްރިކާ، އޮސްޓްރޭލިއާ ބަހާމާސް އަދި ގަލަޕަގޮސްއެވެ. މި ޝޯގައި ފުވައްމުލަކުގެ މަންޒަރުތައް ހިމެނުމާއެކު އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް ވަނީ ފޭސްބުކްގައި މިކަމާ ގުޅިގެން ޕޯސްޓެއް ކުރައްވައިފައެވެ. މި ޕޯސްޓުގައި ވަނީ، މިއީ ޑައިވަރުންނާއި ފަތުރުވެރިންނާއި ގުދުރަތީ މާހައުލުދެކެ ލޯބިވާ އެންމެންގެ ސަމާލުކަން ހޯދަން އެރަށަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އޭނާ ވަނީ އެ ސިޓީގެ ޑައިވް ސެންޓަރުތަކާއި ގެސްޓް ހައުސްތަކާއި އެ ސިޓީ ޕްރޮމޯޓްކުރަން މަސައްކަތް ކުރާ ސްޓޭކްހޯލްޑަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ. "މި ދެއްވާ އެއްބާރުލުމުގެ ސަބަބުން ފުވައްމުލައް ދުނިޔޭގެ ފެންވަރުގެ ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ފާހަގަވެއްޖެ،" އޭނާ ލިޔުއްވާފައި ވެއެވެ. ފުވައްމުލަކުގެ ޑައިވް ޕޮއިންޓުތަކަކީ ފެމުނު މިޔަރު ބެލުމަށް ރާއްޖޭގައި ވެސް މަޝްހޫރު ޑައިވް ޕޮއިންޓުތަކެކެވެ. މި ސަރަހައްދުގައި ޑައިވް ކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ފުވައްމުލަކަށް ޒިޔާރާތްކުރާއިރު، މިއީ ދިވެހީންގެ މެދުގައި ވެސް މަގުބޫލު ސަރަހައްދެކެވެ. ވޭތުވެދިޔަ ހަ އަހަރު ފުވައްމުލަކުގެ "ޝާކް ޕޮއިންޓް"އިން ތަފާތު 239 ފެމުނު މިޔަރު ފެނިފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ