2023 ވަނަ އަހަރު ފެނަކައަށް ލިބުނު ގެއްލުން 800 މިލިއަނަށްވުރެ ބޮޑު: އޮޑިޓް

ފެނާއި ކަރަންޓާގެ ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި ފެނަކައަށް 2023ގައި އެކަނި ވެސް 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. ފެނަކައިގެ 2023 ވަނަ އަހަރުގެ އޮޑިޓް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކޮށްފައިވާއިރު، އެ ރިޕޯޓުން ދައްކާ ގޮތުން އެ އަހަރު އެ ކުންފުންޏަށް 813،447،455 ރުފިޔާގެ ގެއްލުން ލިބުނެއެވެ. އެއާ އަޅައިބަލާއިރު 2022ގައި ފެނަކައަށް ލިބިފައިވަނީ 425 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2023 ނިމުނުއިރު، އެ ކުންފުންޏަށް ލިބުނު ޖުމްލަ ގެއްލުން ވަނީ 1.64 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ފެނަކައަށް އެ އަހަރު 2.25 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ޚަރަދުތައް ކެނޑުމުން ފައިދާގެ ގޮތުގައި ޖެހުނީ 840 މިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު 1.97 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބުނުއިރު ފައިދާ 863 މިލިއަނަށް އެރިއެވެ. އެ ކުންފުނީގެ ބައެއް ޚަރަދުތަކަށް ބަލާއިރު: މުސާރަ 2022: 282 މިލިއަން ރުފިޔާ 2023: 348 މިލިއަން ރުފިޔާ (23 ޕަސެންޓުގެ އިތުރުވުމެއް) މުވައްޒަފުން ތަމްރީނު ކުރުމުގެ ޚަރަދު 2022: 1.55 މިލިއަން ރުފިޔާ 2023: 8.02 މިލިއަން ރުފިޔާ (400 ޕަސެންޓްގެ އިތުރުވުމެއް) ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތް 2022: 680،463 ރުފިޔާ 2023: 717،639 ރުފިޔާ (5.5 ޕަސެންޓްގެ އިތުރުވުމެއް) އެހެނިހެން ޚަރަދުތަކާއި އިނާޔަތްތައް 2022: 199 މިލިއަން ރުފިޔާ 2023: 235 މިލިއަން ރުފިޔާ (17.9 ޕަސެންޓްގެ އިތުރުވުމެއް) ދެހާސް ތޭވީސް ވަނަ އަހަރަކީ ރިޔާސީ އިންތިޚާބު ބޭއްވި އަހަރެވެ. އެ އިންތިޚާބުގައި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ވާދަކުރެއްވިއެވެ. ދައުލަތުގެ ކުންފުނިތަކަށް އިންތިޚާބުތަކާ ދިމާކޮށް މުވައްޒަފުން ނަގައި، އިތުރަށް ޚަރަދުކުރާ ކަމުގެ ތުހުމަތުތައް ކޮންމެ ސަރުކާރެއްގައި ވެސް ފެންމަތިވެއެވެ. ޚާއްސަކޮށް ފެނަކައަކީ ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ. އެގޮތުން ކޮންޓްރެކްޓު ދިނުމުގައި އާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުކޮށް، އޭސީސީއަށް ވެސް މައްސަލަތަކެއް ހުށަޙަޅައިފައިވެއެވެ. https://sun.mv/204772 ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން 2023ގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެއިރު ސަރުކާރު ކުންފުނިތަކުގެ ތެރެއިން މުވައްޒަފުން އެންމެ ގިނައީ ފެނަކައިގައެވެ. އެގޮތުން އެ އަހަރު ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގައި 7,379 މުވައްޒަފުން މުވައްޒަފުން ތިބިއިރު އެއީ 2018އާ އަޅައިބަލާއިރު 62 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުން ދެއްކިއެވެ. ފެނަކައިގައި ޞާލިޙްގެ ދައުރުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަތަކެއް ބަލައި، ދައުވާތަކެއް ކޮށްފައިވެއެވެ. އަދި އެ ކުންފުނީގެ ކުރީގެ އެހެން އިސް މުވައްޒަފުންތަކަކަށް ވެސް މި ސަރުކާރުގައި ދައުވާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ