ފުވައްމުލައް ޝާކް ޕޮއިންޓް އެންމެފަހުން ނެޓްފްލިކްސްއަށް

ޑައިވްކުރާ ގިނަ ބައެއްގެ އަދި ފަތުރުވެރިންގެވެސް މަޤްބޫލު ޕޮއިންޓެއްކަމަށްވާ ފުވައްމުލައް ޝާކް ޕޮއިންޓްގެ މަންޒަރުތައް ނެޓްފްލިކްސްގައި ދައްކާލައިފިއެވެ.
ނެޓްފްލިކްސްއިން ފުވައްމުލައް ޝާކް ޕޮއިންޓްގެ މަންޒަރުތައް ދައްކާލަނީ އެ ނެޓްވަރކުން ސްޓްރީމްކުރާ "އޯލް ދަ ޝާކް" ސީރީޒުގެ އެޕިސޯޑަކުންނެވެ. ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ނެޓްފްލިކްސްއިން ފުވައްމުލަކް ޝާކް ޕޮއިންޓްގައި ނެގި މަންޒަރުތައް ހިމަނާފައިވަނީ ފުރަތަމަ އެޕިސޯޑުގައެވެ. މި އެޕިސޯޑުގެ ޓްރެއިލާ ނެޓްފްލިކްސް ޔޫޓިއުބަށް ވަނީ އަޕްލޯޑުކޮށްފައެވެ. ނެޓްފްލިކްސްއިން ފުވައްމުލަކް ޝާކް ޕޮއިންޓްގައި މި މަންޒަރުތައް ނަގާފައިވަނީ، މިދިޔަ އަހަރެވެ. މިޔަރުގެ މަންޒަރުތައް ނަގައިގެން މުބާރާތެއްގޮތަށް ކުރިއަށްގެންދާ މި ސީރީޒުން އެއްވަނައަށް އަންނަ ޓީމަކަށް 50،000 ޑޮލަރު ލިބެއެވެ. 
ނެޓްފްލިކްސް އެޕިސޯޑުގެ ސްކްރީންޝޮޓެއް
ފުވައްމުލައް ޝާކް ޕޮއިންޓަކީ މިހާރު ދުނިޔޭގެ ގިނަ ބައެއްގެ މެދުގައިވެސް ވަރަށް މަގްބޫލު ޑައިވް ޕޮއިންޓެކެވެ. އެތަން ބޮޑަށް މަޝްހޫރުވެފައިވަނީ މިޔަރު އާއިލާގެ ފެމުނު މިޔަރު އުޅޭތީއެވެ. މީގެކުރިން ހޮންކޮންގައި ކުރިއަށްދިޔަ ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑްވެސް ވަނީ އެތަނަށް ލިބިފައެވެ. ޓައިގާ ޒޫގެ ނަމުން މަޝްހޫރުވެފައިވާ އެތަނަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިޔަރުތައް ބަލާލުމަށް ޒިޔާރަތްކުރެއެވެ.
ނެޓްފްލިކްސްގެ އެ ޝޯއާ ގުޅިގެން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް ވިދާޅުވެފައިވަނީ، މިކަމުގެ ސަބަބުން މަޤްބޫލު ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި ފުވައްމުލައް ޝާކް ޕޮއިންޓް އިތުރަށް މަޝްހޫރުވެގެންދިއުމަށް ފުރުސަތުތައް ފަހިވެގެންދާނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ