އެހެން ގަައުމަކަށް ރޯމަސް ނުދީ ޕްރޮޑަކްޓް އުފައްދަންވީ ރާއްޖޭގައި، ނޫނީ ވާނީ ފަގީރު: އުމަރު

ދިވެހީން ބާނާ މަސް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އެ މަސް ޕްރޮސެސް ކުރަންވީ ރާއްޖޭގައި ކަމަށާއި ނޫންނަމަ ރާއްޖެ އޮންނާނީ ފަގީރުކަންމަތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ. ރާއްޖޭން ބާނާ ކަނޑުމަސް، ޗައިނާއިން ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ބެޗު މިއަދު ވަނީ ތައްޔާރުކޮށްފައެވެ. ރާއްޖޭގެ މަހުން ދަޅުމަސް އުފައްދާފައިވަނީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑް ކުންފުނިންނެވެ. https://sun.mv/208194 ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ، އެ ކުންފުނިން ދިވެހި ކަނޑުމަސް ކާމިޔާބު ކަމާއެކު ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ތައްޔާރުކޮށްފައިވާތީ މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި ސަރަހައްދީ އެއްބާރުލުމަށް ލިބުނު ފަޚުރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތާޒާ މަސް އެކްސްޕޯޓްކޮށް، އެހެން ފަރާތްތަކަށް އޭގެން ޕްރޮޑަކްޓް އުފެއްދުމުގެ ފުރުސަތު ދެމުންގެންދާނަމަ، ރާއްޖެ އޮންނާނީ ފަގީރު ގައުމެއްގެ ގޮތުގައި ކަމަށެވެ. ބާރުއަޅަންވީ ރާއްޖެއިން ބާނާ މަސް އަމިއްލަ ގައުމުގައި ޕްރޮސެސްކޮށް، ޕްރޮޑަކްޓް އުފެއްދުމަށް ކަމަށް މި ޕޯސްޓުގައި ވެއެވެ. "އިންޑޮނޭޝިއާއިން މައުދަން އެކްސްޕޯޓްކުރުން މަނާކުރުމުން ލިބުނު ފައިދާތަކުން ފިލާވަޅު ދަސްކުރަންވީ" އުމަރު ވިދާޅުވިއެވެ. https://x.com/umarnaseermv/status/1941508002185609484?s=46&t=_f34WZ-IRp893HbytKnlIQ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ އެންމެ ބޮޑު އެއް ސަބަބަކީ މަސް ރައްކާ ކުރާނެ ކޯލްޑް ސްޓޯރެޖު ކެޕޭސިޓީ ނެތުމާއި އެކަށީގެންވާ މިންވަރަކަށް މަސް ޕްރޮސެސް ކުރެވޭނެ ފެސިލިޓީތައް ރާއްޖޭގައި ނެތުމެވެ. އެހެންކަމުން ރާއްޖެއިން އެހެން ގައުމުތަކަށް ރޯމަސް އެކްސްޕޯޓު ކުރެއެވެ. މިފަދައިން އެކްސްޕޯޓުކުރާ މަސް އެގައުމުތަކުން ޕްރޮސެސްކޮށް ވިއްކައެވެ. ދިވެހީން ބާނާ މަސް، ޗައިނާއިން ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ބެޗު ތައްޔާރުކޮށްފައި މި ވަނީ އެ ގައުމާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ. މި މަސައްކަތް ކުރާ ކުންފުންޏަކީ ޗައިނާގައި 2008ގައި އުފައްދައި، މޫދުވިނައާއި ބޯވައާއި ބޯވަދިލަ މަހުން އުފެއްދުންތައް ތައްޔާރުކޮށް، ވިއްކުމަށް މަޝްހޫރުވެފައިވާ ކުންފުންޏެއް ކަމަށްވާ ޗިންޖެންގް ފުޑްސްގެ ސަބްސިޑަރީއެކެވެ. އެގޮތުން ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސްއަކީ އެމެރިކާއާއި ކޮރެއާއަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހުއްދަ ލިބިފައިވާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ