އޭޝިއާގެ ނެޓްބޯޅައިން ރާއްޖެއަށް ހަތަރު ދަރަޖައިގެ ކުރިއެރުމެއް

ދެކުނު ކޮރެއާގައި ނިމުނު އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ޕްލޭޓް ކޮމްޕެޓިޝަންގެ ރަނަރަޕް މަގާމާއެކު އޭޝިއާ ބައްރުގެ ނެޓްބޯޅައިގެ ޔޫތު ރޭންކިންގައި ރާއްޖެ ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދައިފިއެވެ. މި ކާމިޔާބީތަކާއެކު ރާއްޖެ މިވަގުތު އޮތީ އޭޝިއާ ބައްރުގެ ނެޓްބޯޅައިން ހަތްވަނަ މަގާމުގައެވެ. މިއީ ރާއްޖޭގެ ނެޓްބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެކުރިން ރާއްޖެ އޮތީ އޭޝިއާ ރޭންކިންގެ 11 ވަނައިގައެވެ. ދާދިފަހުން ނިމުނު އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގެ ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް ރާއްޖެ ވަނީ ދެވަނަ ހޯދައިފައެވެ. ދެކުނު ކޮރެއާގެ ޖޯންޖޫގައި ބޭއްވި އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ޖުމްލަ 11 ގައުމަކުން ވާދަކުރިއެވެ. މުބާރާތުގެ ޕްލޭޓް ކޮމްޕެޓިޝަންގައި ރާއްޖޭގެ ޖޫނިއާ ނެޓްބޯޅަ ޓީމުން ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައެވެެ. ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕާކިސްތާން އަތުންނެވެ. ހަ އަހަރުގެ މެދު ކެނޑުކަމަށްފަހު ރާއްޖެއިން ވާދަކުރި ޔޫތު ނެޓްބޯޅަ މުބާރާތުގައި ފާހަގަކޮށްލެވޭ އުންމީދީ ކުޅުންތެރިންތަކެއް އެބަތިއްބެވެ. މީގެ ތެރޭގައި ރާއްޖޭގައި ތަޖުރިބާކާރު ކޯޗުންގެ އެހީގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ކުދިން ހިމެނެއެވެ. މި މުބާރާތުގައި ވާދަކުރުމުގެ ކުރިން ހޮންގް ކޮންގުގައި ބޭއްވި ބައުހީނިއާ ކަޕުގައިވެސް ރާއްޖެއިން ވާދަކޮށް ރަނގަޅު ނަތީޖާއެއްވަނީ ހޯދައިފައެވެ. އެ މުބާރާތުން ރާއްޖޭގެ ޖޫނިއާ ނެޓްބޯޅަ ޓީމު ވަނީ ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު ތިންވަނަ ހޯދާފައެވެ. މި ކާމިޔާބީއާއެކު ޒުވާން ނެޓްބޯޅަ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. ޓީމު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިއުމަށް ދަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ