ފަސް މިލިއަން ޕައުންޑަށް ވޯކާ ބާންލީއަށް ސޮއިކޮށްފި
އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުންދިޔަ ކައިލް ވޯކާ ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ބާންލީއަށް ސޮއިކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ވޯކާ ބާންލީއަށް ސޮއިކޮށްފައިވަނީ ފަސް މިލިއަން ޕައުންޑްގެ އަގަކަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސިޓީގެ ކެޕްޓަންކަން ކުރި ވޯކާ މިދިޔަ ސީޒަންގެ މެޗުތެރެއިން ފެނުނީ ލީގު ދޫކޮށް ލޯން އެއްބަސްވުމެއްގެ ދަށުން އިޓާލިއަން ސެރީއާގެ އޭސީ މިލާނަށް ބަދަލުވިތަނެވެ. ނަމަވެސް ލޯންގެ މުއްދަތު ހަމަވުމުން މިލާނުން ދާއިމީކޮށް އޭނާ އެޓީމަށް ގެންދަން ބޭނުން ނުވުމުން ވަނީ ސިޓީއާ އަލުން ގުޅިފައެވެ. އުމުރުން 35 އަހަރުގެ ވޯކާ ރޭގެ ވަގުތެއްގައި ވަނީ ބާންލީގެ މެޑިކަލް ވެސް ފުރިހަމަ ކޮށްފައެވެ. ބާންލީއަށް ސޮއިކުރުމަށްފަހު އެޓީމުގެ ވެބްސައިޓުގައި ވާގޮތުން ބާންލީއަށް އާދެވުމުން އުފާކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޓީމުގެ ކޯޗު ސްކޮޓް ޕާކާއާ ވާހަކަ ދައްކާލުމުން ކުރިއަށް އޮތް ސީޒަނަށް އޭނާ ޓީމު ބައްޓަން ކުރަން ބޭނުންވާގޮތް އެނގުމުން މިފުރުސަތު ދޫކޮށްލަން ބޭނުން ނުވީ ކަމުގައި ވެސް ވޯކާ ފާހަގަ ކުރިއެވެ. ވޯކާވަނީ އޭނާ ޓޮޓްނަމް ހޮޓްސްޕާއަށް ކުޅުނު ދުވަސްވަރު ޕާކާއެކު ދެ އަހަރު އެޓީމަށް ކުޅެފައެވެ. އަދި ބާންލީ ޕްރިމިއާ ލީގަށް އަނބުރާ ގެނައުމަށްޓަކައި ޕާކާ ކޮށްފައިވާ މަސައްކަތް އޭނާ ފާހަގަ ކުރިއެވެ. ވޯކާވަނީ މިދިޔަ ސީޒަންގައި ސިޓީއަށް 15 މެޗު ކުޅެފައެވެ. 2017ވަނަ އަހަރު ސިޓީއާއި ގުޅުނު ވޯކާވަނީ ސިޓީއަށް 319 މެޗު ކުޅެދީ އެޓީމާއެކު 17 ތަށި ކާމިޔާބު ކޮށްފައެވެ. އަދި 2023ވަނަ އަހަރު ތިން ތަށި ހޯދި ޓީމުގައި ވެސް ވޯކާ މުހިންމު ދައުރެއް އަދާކުރިއެވެ. ވޯކާއަކީ ބާންލީން އާސީޒަނަށް އެޓީމަށް ގެންދިޔަ ފަސްވަނަ ކުޅުންތެރިޔާއެވެ. އެޓީމުން މީގެކުރިންވަނީ ޑިފެންޑާ އެކްސެލް ޓައުންޒޭބޭ އާއި ކުއިލިންޑްޝީ ހާޓްމަން، ކީޕާ މެކްސް ވެއިސް އަދި ފޯވަދް ލޮއުމް ޗައުނާ އެޓީމަށް ގެންގޮސްފައެވެ. ވޯކާ ބާންލީއަށް ބަދަލުވުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ ގަވައިދުން ފުރަތަމަ އެގާރައިގާ ކުޅެ މިއަންނަ އަހަރު އެމެރިކާ، ކެނެޑާ، އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް އެކުލަވާލާ އިންގްލަންޑް ޓީމުން ޖާގައެއް ކަށަވަރު ކުރުމެވެ. އޭނާ ސިޓީގައި މަޑުކޮށްފިނަމަ އެކަން ވުމުގެ ފުރުސަތު ކުޑަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ