ޑުރަގު ކޯޓުގެ 13 އަހަރުގެ ތަފާސްހިސާބު: ފަރުވާ ފުރިހަމަކުރި 18 ޕަސެންޓު މީހުން އަލުން ޑުރަގު ނެގި

ފާއިތުވި 13 އަހަރުތެރޭ ޑުރަގު ކޯޓުން ބެލި މައްސަލަތަކަށް ބަލާއިރު، އޭގެ ތެރޭގައި ޑުރަގު ފަރުވާ ފުރިހަމަކުރި 18 ޕަސެންޓު މީހުން އަލުން ޑުރަގު ބޭނުންކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ. ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ, މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައި ޑުރަގު ކޯޓުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ ކޯޓު އުފެދުނުތާ މިވީ 13 އަހަރުގެ ތެރޭގައި 11،700އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅައިފައެވެ. އޭގެ 94 ޕަސެންޓަކީ ފިރިހެނުންނާ ގުޅޭ މައްސަލަތަކެވެ. އަންހެނުންގެ މައްސަލަތައް ތިން ޕަސެންޓުގައި ހުރިއިރު، ކުޑަކުދިންނާގުޅޭ ދެ ޕަސެންޓް މައްސަލަ އެ ކޯޓަށް ހުށަހަޅައިފައިވެއެވެ. ތަފާސްހިސާބުން އެނގޭ ގޮތުގައި މިހާތަނަށް 5،148 މައްސަލައިގައި ފަހުގެ ހުކުމް ޑުރަގު ކޯޓުން ކޮށްފައިވެއެވެ. އަދި ފަހުގެ ހުކުމް ކުރި ފަހުން، 946 މީހުންގެ މައްސަލަ ކޯޓަށް އަލުން ހުށަހަޅައިފައިވެއެވެ. މި އަދަދުތަކަށް ބަލާއިރު، ފަރުވާ ފުރިހަމަ ކުރި މީހުންގެ ތެރެއިން 4،202 މީހުން، ނުވަތަ 82 ޕަސެންޓު މައްސަލަ އަލުން ކޯޓަށް ހުށަނާޅާ ކަމަށް ކޯޓުން ބުންޏެވެ. ފަރުވާއިން ވަކިކުރި މީހުންގެ އަދަދަށް ބަލާއިރު، 2389 މީހަކު ފަރުވާއިން ވަކިކޮށް، ޖަލު ހުކުމް ތަންފީޒުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އޭގެ ތެރެއިން ފަރުވާއިން ވަކިކުރިފަހުން، 498 މީހުން، ނުވަތަ 20 ޕަސެންޓު މައްސަލަ ކޯޓަށް ހުށަހަޅައިފައިވާ ކަމަށް އެ ކޯޓުން ބުނެއެވެ. ޑުރަގު ކޯޓުގެ ގަވާއިދުގައިވާ ގޮތުން ފަރުވާއިން ވަކިކުރާ މީހެއްގެ މައްސަލަ އަލުން ކޯޓަށް ހުށަހެޅޭނީ ފަރުވާއިން ވަކިކުރުމުގެ ސަބަބުން އެ މީހަކު ތަންފީޒުކުރަންޖެހޭ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ. އެ ގޮތުން 498 މީހުންނަކީ، ޑުރަގު ކޯޓުން ތަންފީޒުކުރަން އަމުރުކުރި ހުކުމް ތަންފީޒުކޮށް ނިމުނުފަހުން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ދައުވާ ކުރި މީހުންނެވެ. ޑުރަގު ކޯޓުގައި ނުނިމި ހުރި މައްސަލަތަކަށް ބަލާއިރު، މިދިޔަ މެއި މަހުގެ ނިޔަލަށް 1،376 މައްސަލަ ނުނިމިވާ ކަމަށް އެ ކޯޓުން ބުންޏެވެ. އޭގެ ތެރެއިން 1،192 މައްސަލައިގައި ހިމެނޭ މީހުންނަކީ ފަރުވާގެ މަރުހަލާގައި ތިބި މީހުންނެވެ. އަދި ރީހެބިލިޓޭޝަން އަމުރު ކުރުމުގެ ކުރީގެ މަރުހަލާގައި 184 މައްސަލަ އޮތް ކަމަށް ތަފާސްހިސާބުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ