ބައިނަލް އަޤުވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ 26 ޖޫން 2025 ފާހަގަ ކުރުމުގެގޮތުން ތިނަދޫސިޓީގައި 'ޢާއިލީ ދުވުމުގެ' ނަމުގައި މިއަދު ހަވީރު ޚާއްޞަ އިވެންޓެއް ބާއްވައިފި އެވެ.
ޢާއިލީ ދުވުން އިންތިޒާމުކުރި ފަރާތުން ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެހެން މިފަދަ އިވެންޓެއް ދުރާލާ ރާވައިގެން ބޭއްވުމުގެ މަޤްޞަދަކީ މުޖުތަމަޢު އެއްކޮށް ނުކުމެ ފާޅުގައި މަސްތުވާތަކެއްޗަށް ބޮޑުކޮށް 'ނޫނެކޭ' ބުނެ، މަސްތުން ސާފު މުޖުތަމަޢެއް ބިނާކުރުމަށް މުޅި މުޖުތަމަޢު އެއްކޮށް ނުކުތުމަކީ ކުރެވިދާނެ ކަމެއްކަން ގިނަ ބަޔަކަށް އިޙްޞާޞްކޮށްދީ، އެކަމަށް އެއްމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާލާ ކުރުންކަމަށް އިންތިޒާމް ކުރައްވާ ފަރާތުން ހާމަކުރައްވައެވެ.
މިމޮޑެލަކީ 'ގިރިންދާ' ޖަމިއްޔާއިން ވޭތުވެދިޔަ 2 އަހަރެންހާ ދުވަހު ހުވަދު އަތޮޅުގައި ޢަޖުމަ ބަލައި އޭގެ ރަގަޅު ނަތީޖާ ރަށްތަކުން ފެންނަމުންދާ މަސައްކަތު މޮޑެލެއްކަން ހުވަދުއަތޮޅުގެ ރަށްތަކުގެ ގިނަ ރައްޔިތުންނާއި، އެދެއަތޮޅުގެ ދިވެހި ފުލުހުންދަނީ ވަރަށްބޮޑަށް ފާހަގަ ކުރަމުންނެވެ.މިދުވުމުގައި ތުއްތު ކުދީންނާއި، އެކުދީންގެ މައިން ބަފައިންނާއި، އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި މަސައްކަތްކުރާ ދިވެހި ފުލުހުންނާއި ވެރީން، ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުން ހިމެނޭހެން 900 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
4 ވަރަކަށް ކިލޯމީޓަރަށް ދުވުނު މިދުވުން އިންތިޒާމް ކުރެވުނީ 'ގިރިންދާ' ޖަމިއްޔާގެ އިސްނެގުމުގެމަތީން ރައުހަތު ސްޕޯރޓްސް އާއި، ހުވަދު އަތޮޅުގެ ދިވެހި ފުލުހުންނާއި، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ގުޅިގެންނެވެ.
މީގެ އިތުރުން މިއިވެންޓުގެ ހުރިހާ ބައިވެރީންނަށް ހިލޭ ބެހުނު ޓީޝާޓާއި، ޕްރިންޓިންގ ގެ މެއިން ސްޕޮންސަރުންނަކީ ހަވަރު ސްޕޯރޓްސް އަދި ނޯވާޓެކް އެވެ. އަދި ޓީޝާޓް ހެދުމަށް ތިނަދޫސިޓީ އާއި މުޅި ހުވަދުއަތޮޅުގެ ކެޔޮޅުންނާއި، ފުލުހުންނާއި، އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން ވަރަށްބޮޑަށް ލިބިގެން ދިޔައެވެ.
މީގެއިތުރުން ތިނަދޫސިޓީގެ ޑިޓޮކްސް ސެންޓަރާއި، ދިވެޒޯން، ފިޓް އެންޑް ފެބް، ގއ.އަތޮޅު ކައުންސިލް، ގދ.އަތޮޅު ކައުންސިލް، ގއ.ދާންދޫ ކައުންސިލް، ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ސްވީޓް ލައިކް ސިނަމަން ގެ ވަރަށްބޮޑު އެހީތެރިކަމަކާއި ހޭދައެއް މިއިވެންޓަށް ރަށްރަށުން މީހުން ގެނައުމާއި، ޞިއްޙީ އަވަސް އެހީއާއި، އެހެނިހެން ކަންކަމުގައި ލިބިފައި ވެއެވެ. އަދި ތިނަދޫސިޓީގެ ވެމްކޯ، އާރު.ޑީ.ސީ، ފެނަކަ، ތިނަދޫސިޓީގެ ސްކޫލްތަކާއި، އެމް.އެން.ޔޫ ތިނަދޫސިޓީ ކެމްޕަހާއި، ގއ.ދާންދޫ ސަވެޔާ އިންވެސްޓްމެންޓާއި، އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަންވެސް ވަރަށްބޮޑަށް ލިބިފައި ވެއެވެ.
އެންޓި ޑްރަގު ޑޭ ފާހަގަކުރުމުގެ ގޮތުން ތިނަދޫ ސިޓީގައި ޚާއްސަ އިވެންޓެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ