ރައީސް މުއިއްޒުގެ ދައުރުގައި ވެސް ތިލަމާލެ ބުރިޖެއް ނޭޅޭނެ، މިއީ ސްކޭމްތައް: ޔާމީން
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަސް އަހަރު ތެރޭގައި ވެސް މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމެނޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފެއްޓެވި އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރިއަށްގެންދަވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވައި، ފާޑުވިދާޅުވެފައެވެ. އެގޮތުން ޞާލިޙްގެ ސަރުކާރުގައި ފެށި ތިލަމާލެ ބުރިޖުގެ މަސައްކަތާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ދެ މަޝްރޫއަކީ ވެސް ވަރަށް ޚަރަދު ބޮޑު ދެ މަޝްރޫއުކަން ޔާމީން ފާހަގަކުރެއްވިއެވެ. އެގޮތުން ތިލަމާލެ ބުރިޖުގެ އަގު 700 މިލިއަން ޑޮލަރަށް އަރާފައިވާ ކަމާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަށް ލަފާކުރި ވަރަށްވުރެ 160 މިލިއަން ޑޮލަރު ޚަރަދު އިތުރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި އެއާޕޯޓުތައް އަޅަމުންދިޔަ ނަމަވެސް، ބޮޑެތި މަތިންދާބޯޓުތައް މި ގައުމަށް ނުގެނެވޭ ކަމަށާއި އެންމެ ބޮޑު ބޯޓަކަށް ވެސް ގެނެވެނީ ބޯއިން 737 ކަމަށް ޔާމީން ވިދާޅުވިއެވެ. "މިކޮޅުގައި ބުރިޖެއް [ސިނަމާލެ ބުރިޖް] އަޅައިފައި މި އޮތީ، މިތަނަށް ދައްކަން މިޖެހެނީ 78 މިލިއަން ޑޮލަރު. އެކޮޅުގައި [ތިލަމާލެ] ބުރިޖެއް އަޅަން އިންޑިއާއާ ހަވާލުކުރި، މިހާރު އެ ބުރިޖުގެ އަގު 700 މިލިއަން ޑޮލަރަށް އަރާ،" އެ މަނިކުފާނު ވިދާޅުވިއެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން އަޅާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސްއިންނެވެ. އެ މަސައްކަތާ އެ ކުންފުނިން ހަވާލުވީ 2021ވަނަ އަހަރު އޯގަސްޓު މަހު ކަމަށްވާއިރު، މަސައްކަތް ނިންމަން ފުރަތަމަ ދީފައި އޮތް ތާރީޚަކީ މިދިޔަ އަހަރެވެ. އެ ބުރިޖު ނިންމަން އަދި ނުނިމޭނަމަ ބުރިޖުގެ ވަކި ބައެއް ހުޅުވަން ޞާލިޙްގެ ސަރުކާރުގެ އެކި ތާރީޚުތައް ދިން ނަމަވެސް އެ މަސައްކަތް ކުރެވިފައިނުވެއެވެ. އަދި އެ ސަރުކާރު ނިމުމުގެ ކުރިން ސަޕްލިމަންޓަރީ އެގްރިމަންޓެއްގައި ސޮއިކޮށް އެ މަޝްރޫއު ނިންމަން އޮތް މުއްދަތު ވަނީ އަންނަ އަހަރަށް އިތުރުކޮށްފައެވެ. ޔާމީން ވިދާޅުވީ، ޞާލިޙްގެ ފަސް އަހަރުގެ ތެރޭގައި އެ ބުރިޖު 'ފެންމަތިވާނެ'ހެން ހީނުވާ ކަމަށް އެ މަނިކުފާނު އަމިއްލަފުޅަށް ވިދާޅުވެ، ދެ ވަނަ ދައުރެއްގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. މިހާރު އަޅުގަނޑަށް އެނގޭ ގޮތުން ވެއްޖިއްޔާ [ރައީސް] މުއިއްޒުގެ ފަސް އަހަރު ނިމިގެން ދާއިރު ވެސް [ތިލަމާލެ] ބުރިޖެއް ނޭޅޭނޭ. އެހެންވީމަ މިހުންނަނީ ބޮޑެތި ސްކޭމްތައް އިނގޭތޯ. ދެން އެ ނޭޅިދާ ކަމަށްވަންޏާ މި ފަސް އަހަރުތެރޭގައި އޭގެ އަގު އުފުލިގެންދާނެވަރު ޚިޔާލަށް ގެންނަވާކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޔާމީން ވިދާޅުވީ އެފަދަ މައްސަލަތައް ދިމާވަނީ ފަންނީ ގޮތުން ނާގާބިލު މީހުންނާ މަސައްކަތްތައް ހަވާލުކުރުމުން ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމުގެ މަސައްކަތަށް ވެސް ދިމާވީ އެ މައްސަލަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް ބަލާއިރު ވެސް، އެ އެއާޕޯޓުގައި ވެސް ބޮޑެތި ބޯޓުތައް ނުޖެއްސޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރަންޓް އޮފީސް ޖަލްސާ -- ފޮޓޯ/ މޫސާ ނަދީމް "ދެން ކީއްކުރަން 160 މިލިއަން ޑޮލަރު، ހަމަގައިމު އެއީ އަނބުރާ ދައްކަން ޖެހޭނެ އެއްޗެއް އެއީ ކޮންމެވެސް ދުވަހަކުން. 160 މިލިއަން ޑޮލަރު އެތަނަށް ދާނެ ގޮތެއް އަޅުގަނޑުމެންނަށް ކިޔައިދެއްވަ ބައްލަވާ،" އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތް ލަސްވި ސަބަބުތަކުގެ ގޮތުގައި ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރު ގައުމު ހުއްޓުމަކަށް އައުން ކުރީ ސަރުކާރުން ފާހަގަކޮށްފައިވާއިރު، އެ ސަރުކާރު ނިމުނުއިރު ބުރިޖުގެ ނިމިފައިވަނީ 29 ޕަސެންޓް މަސައްކަތެވެ. https://sun.mv/204363 މި ސަރުކާރުން ވަނީ، މާލެއާއި ގުޅީފަޅު ގުޅުވާލުން މާޗު 31، 2026އަށް ނިމޭނެ ކަމަށާއި، މުޅި މަޝްރޫއު ސެޕްޓެންބަރު 30، 2026އަށް ނިމޭނެ ބުނެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ އެހާތަނަށް ބުރިޖުގެ 45.8 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ބުނެފައެވެ. އުތުރުގެ އެންމެ ބޮޑު އުންމީދު ކަމަށްވާ, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތަށް ބަލާއިރު، މިދިޔަ މަހު މޯލްޑިވްސް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)އިން ވަނީ އެ މަޝްރޫއުގެ 83 ޕަސެންޓު ނިމިފައިވާ ކަމަށް ބުނެފައެވެ. ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުން މާލެއަށް ބަރޯސާވާން ޖެހުމެވެ. https://sun.mv/205994 އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިން އެއްބަސްވުމެއްގެ ދަށުން އެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. އެއީ 136.6 މިލިއަން އެމެރިކާ ޑޮލަރަށެވެ. އެ މަޝްރޫއުގެ ތެރެއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ކަމަށްވާއިރު، އެ ސަރަހައްދަށް ހަގީގީ ތަރައްގީ ގެނެވެން އޮތީ އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ރަނގަޅަށް ފެށުމުން ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ގަބޫލު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ