އަމާޒަކަށް ވާންވީ ކައުންސިލް އިންތިހާބު: ސޯލިހް
ހުރިހާ އެންމެންގެ އަމާޒަކަށް ވާންވީ ކައުންސިލް އިންތިހާބު ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ. އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ރާއްޖެޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ސޯލިހު ވިދާޅުވީ ބަދަލުހިފުމެއް އެމަނިކުފާނުގެ ނޯންނާނެ ކަމަށާއި އެކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ބޭފުޅުން އެނބުރި އައިސް އެމްޑީޕީއާ މިއަދު ގުޅުމުން ވަރަށް އުފާވާ ކަމަށާއި ދެ ޕާޓީގައި ވެސް ގާތްގަނޑަކަށް ހުރީ އެއް ވިސްނުމެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީއާ ޑިމޮކްރެޓްސްއާ ދެމެދު ވާހަކަތަކެއް ދެކެވެމުން އައި ކަމަށާއި އެމްޑީޕީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން އޭރު ގެންގުޅުނު އެއް ވިސްނުމަކީ ޑިމޮކްރެޓްސްއާއެކު ކޯލިޝަނެއް ހަދައިގެން ކުރިއަށް ދިޔުން ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނަށް ގަބޫލުކުރެވުނު ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެމަނިކުފާނަށް ގަބޫލުކުރެއްވުނީ ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތުން ކަމަށް ސޯލިހު ވިދާޅުވި އެވެ.2028ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޝައުގުވެރިކަން މި ހަފްތާ ތެރޭ ބައެއް ސަޕޯޓަރުން ގާތުގައި ސޯލިހްގެ ފަރާތުން ވަނީ ހާމަ ކުރައްވާފަ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ މިރޭގެ ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރި ސުވާލަށް ސޯލިހް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ."ދަންނަވަންތޯ، ތިއީ މިއަދު ކުރަން ހެޔޮވާ ވަރުގެ ސުވާލެއް ނޫން. އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އައިސް އެމްޑީޕީއާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ފަށާ ވަގުތެއްގައި ކުރާ ކަހަލަ ސުވާލެއް ނޫން ތިއީ،" އެމްޑީޕީގެ ޕްރައިމަރީގައި ސޯލިހް ވާދަ ކުރައްވާނަންތޯ ނުވަތަ ނޫންތޯ އެހުމުން އެ މަނިކުފާނު ވިދާޅުވި އެވެ."މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން. ތި ދައްކަވަނީ 2028ގެ ވާހަކަ. އަޅުގަނޑުމެންގެ ކުރިމަތީގައި އެބަ އޮތް 2026ގެ ކައުންސިލް އިންތިހާބު."ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރެއްވުމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅުނުވިޔަސް، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެކަން އިބޫ ވަނީ އިއުލާނު ކުރައްވައިފަ އެވެ.އިބޫ ވިދާޅުވީ މިހާރު ވެސް ބައެއް މެމްބަރުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަކު އެ މަަސައްކަތް މަޑުޖައްސާލާފައި ފަށަންވީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ