ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 37 ޕަސެންޓު އިތުރުވީއިރު، ޑޮލަރެއް 20ރ. އަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 37 ޕަސެންޓު އިތުރުވީއިރު، ޑޮލަރެއް 20ރ. އަށް

ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށް އަރާފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މަންތުލީ ސްޓްޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ 772 މިލިއަން ޑޮލަރަށް އަރަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 562 މިލިއަން ޑޮލަރެވެ.
އެހެން އަހަރުތަކެކޭ އެއް ފަދައިން ޑޮލަރުން އާމްދަނީ ލިބޭ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީއިންނެވެ. ޓީޖީއެސްޓީއަށް ލިބުނު އަދަދު 400 މިލިއަން ޑޮލަރާ ގާތްކުރެ އެވެ. ޓީޖީއެސްޓީ ނަގާފައި ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސްއިންނެވެ.
އަހަރުންއަހަރަށް ބަލާއިރު ޑޮލަރު އާމްދަނީ ނިސްބަތުން އެންމެ އިތުރުވީ އިންކަމް ޓެކްސް އާއި ގްރީން ޓެކްސްއިންނެވެ.
އިންކަމް ޓެކްސްގެ ގޮތުގައި ޑޮލަރުން ލިބޭ އާމްދަނީ އިތުރުވީ ޑޮލަރުން އާމްދަނީ ލިބޭ މީހުންނާއި ވިޔަފާރިތަކުން އިންޑިވިޖުއަލް އިންކަމް ޓެކްސް އާއި ރާއްޖޭގައި ދިރިނޫޅޭ މީހުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް ޑޮލަރުން ދައްކަން މަޖުބޫރުކުރުމުންނެވެ. ގްރީން ޓެކްސް އާމްދަނީ އިތުރުވީ ގްރީން ޓެކްސް ނަގާ ރޭޓުތައް މި އަހަރުގެ ޖެނުއަރީން ފެށިގެން މަތިކުރުމުންނެވެ.
އަހަރުގެ ފުރަތަމަ ބައިގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ
މިދިޔަ އަހަރަށް ވުރެ މި އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރުވީ، ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރަން މިދިޔަ އަހަރު ގާނޫނުތަކަށާއި ގަވާއިދުތަކަށް ގެނައި ބަދަލުތަކާ އެކީގަ އެވެ. އިގުތިސޯދީ ހާލަތު މި ގޮތުގައި ދެމި އޮވެއްޖެ ނަމަ، މި އަހަރު ރެކޯޑު އަދަދަކަށް ޑޮލަރު ލިބޭނެ އެވެ.
ދައުލަތަށް ޑޮލަރު ވަންނަ އަދަދު އިތުރުވީ ނަމަވެސް މީގެ ފައިސާއެއް އިގުތިސޯދަކުން އަދި ނުފެނެ އެވެ. ބައެއް މާހިރުން ބުނާ ގޮތުގައި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލުނީ ވެސް، އިގުތިސޯދަށް ވަންނަ ޑޮލަރުގެ ބޮޑު ބަޔެއްގެ ސަރުކާރަށް ނަގައިގެން އިގުތިސޯދަށް ވަންނަ ޑޮލަރު ސަޕްލައި ކޮންޓްރޯލް ކުރަން ހަދައިގެންނެވެ.
ޑޮލަރު ތާށިކަމާ މެދު އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުއްޓަސް ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ބުނަނީ، ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ މިހާރު ތަންފީޒުކުރަމުން އަންނަ ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ތެރޭގައި ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް ޔަގީންކަން ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ