ބީއެމްއެލްގެ އާމްދަނީިން ތިމާވެށި ހިމާޔަތް ކުރުން: އަހަރަކު 5.5 މިލިއަން ރުފިޔާ ހޭދަކުރަން އަމާޒެއް
ގައުމީ ބޭންކު، (ބީއެމްއެލް)އިން ރާއްޖޭގެ ތިމާވެށްޓާއި ކަނޑުތައް ރައްކާތެރިކުރުމަށް ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމަށް އަހަރަކު 5.5 މިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް ލަފާކޮށްފިއެވެ. ބީއެމްއެލްއިން ބުނީ، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެ ފުރަތަމަ ތަހައްމަލު ކުރަންޖެހޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އެހެންކަމުން ތިމާވެށި ހިމާޔަތްކުރުމުގެ ރޮނގުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށް، ރާއްޖޭގެ ވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަން ޖެހޭކަން އެ ބޭންކުން ފާހަގަކުރިއެވެ. އެގޮތުން ފަރުދީގޮތުންނާއި އިންސްޓިޓިއުޝަންތަކުން ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެ ބަޔަކަށް ވީވަރަކުން މަސައްކަތްކުރަން ޖެހޭއިރު، އެކަމަށް ޓަކައި ބޭންކުން ދާދި ފަހުން ވަނީ އީއެންވީ ޕީއޯއެސް ޕްރޮގްރާމް ތައާރަފުކޮށްފައެވެ. އެއީ ތިމާވެށި ހިމާޔަތްކުރުމަށް ފަރުދީ ގޮތެއްގައި އެޅޭނެ ފަސޭހަ ފިޔަވަޅެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެއެވެ. އައްޑޫ ނޭޗާ ޕާކު: ފޮޓޯ/ އޭޝިޔާ ޕްރޮޕަޓީ އެވާޑްސް ބީއެމްއެލްގެ އީއެންވީ ޕީއޯއެސް މެދުވެރިކޮށް ކުރާ ކޮންމެ މުއާމަލާތަކަށް، ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް އެހީތެރިވުމަށް ބޭންކުން ވަނީ ނިންމައިފައެވެ. އީއެންވީ ޕީއޯއެސް ތައާރަފްކުރުމުގެ ގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭންކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މިހާރުގެ ތަފާސްހިސާބުތަކަށް ބަލާނަމަ، ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް ހޭދަކުރެވޭނެ ކަމަށެވެ. އަދި މުއާމަލާތްތައް އިތުރުވަމުންދާ ވަރަކުން މި އަދަދު ވެސް އިތުރުވަމުންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަދަދަކީ ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތަށް މިހާރަށްވުރެ ފުރިހަމައަށް އަދި މިހާރަށްވުރެ ބާރަށް ގެންދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ރިސޯޓު ތަރައްގީކުރަމުންދާ ނ. ދިގުރަށުގެ މަންޒަރެއް --- މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލްއާއި ޕާލޭ މޯލްިވްސްއާ ދެމެދު ވެސް ދާދި ފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ރީސައިކަލް ކުރާ ޕްލާސްޓިކް ބޭނުންކޮށްގެން ބޭންކުގެ އައު ކާޑުތައް އުފެއްދުމުގެ މަސައްކަތަށް ވެސް ތައްޔާރުވަމުންދާ ކަމަށް ބޭންކުން ބުނެފައިވެއެވެ. ކަސްޓަމަރުން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު، މި ކަމަށް ކަސްޓަމަރުންގެ އަތުން އަދި ވިޔަފާރިވެރިންގެ އަތުން ވެސް އިތުރު ފައިސާއެއް ނުނަގާނެއެވެ. މި ފައިސާ ޚަރަދުކުރާނީ ސީދާ ބޭންކަށް ލިބޭ އާމްދަނީންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީއެމްއެލްގެ 8،000 އަށްވުރެ މާޗަންޓުން ތިބެއެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކަސްޓަމަރަކަށް ވެސް ބީއެމްއެލްގެ ކާޑު މެޝިން މެދުވެރިކޮށް ފަސޭހަކަމާއެކު ތިމާވެށި ހިމާޔަތްކުރުމަށް ހިއްސާކުރެވޭނެއެވެ. "މި ގައުމުގެ ނާޒުކު ތިމާވެށްޓާއި މިގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކަނޑުގެ ދިރުން ރައްކާތެރިކުރުމަށް ސީދާ ގޮތުން ވެވޭ އެހީތެރިކަމުގައި އެންމެން ވެސް ބައިވެރިވަމާތޯ،" ބޭންކުން ބުންޏެވެ. އަންނަން އޮތް ޖީލުތަކުގައި މިކުރާ މަސައްކަތަކީ މުހިއްމު އަދި ބޭނުންތެރި މަސައްކަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ