އަލްކަރާޒް ކައިރިން ބަދަލުހިފައި ސިނާ ވިމްބަލްޑަން ކާމިޔާބުކޮށްފި އަލްކަރާޒް ކައިރިން ބަދަލުހިފައި ސިނާ ވިމްބަލްޑަން ކާމިޔާބުކޮށްފި

ލަންޑަން (ޖުލައި 14) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ކާލޯސް އަލްކަރާޒް އަތުން ބަލިވުމުގެ ފައިދާނަގައި، ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ، އިޓަލީގެ ޖަނިކް ސިނާ ފުރަތަމަ ފަހަރަށް ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފި އެވެ.
މީގެ 35 ދުވަސް ކުރިން، ފްރެންޗް އޯޕަން ފައިނަލުގައި، ސިނާ އަތުން އަލްކަރާޒް މޮޅުވީ، ފްރެންޗް އޯޕަން ތާރީހުގައި އެންމެ ދިގު ދެމިގެންދިޔަ އެ ފައިނަލު، ހަތަރު ގަޑިއިރާއި ބައި ވަންދެން ކުޅެ، މެޗުގެ ސެޓުތައް، 4-6 6-7 (4-7) 6-4 7-6 (7-3) 7-6 (10-2) އިން ގޮސްގެންނެވެ.
ސިނާ، ވިމްބަލްޑަން ފައިނަލުގައި އަލްކަރާޒް ބަލިކުރީ، ވަރުގަދަ މެޗެއް ކުޅެ، ރަނގަޅު ފޯމެއް ދަމަހައްޓައިގެންނެވެ. ސެމީ ފައިނަލުގައި ޖޮކޮވިޗް ކަޓުވާލި، ސިނާ ވަނީ ފައިނަލުގައި ކޮންޓްރޯލް ނަގައިގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 4-6 6-4 6-4 6-4 އިންނެވެ.
ދުނިޔޭގެ ރޭންކިން ދެ ވަނައިގައި އޮތް އަލްކަރާޒް، ފައިނަލަށް ނުކުތީ ޖެހިޖެހިގެން ތިން ވަނަ ވިމްބަލްޑަން ކާމިޔާބުކުރަން ނަމަވެސް، ސިނާ ކުޅެލީ ތަފާތު ރޫހެއްގައި ހުރެ އެވެެ.
އަލްކަރާޒް ވަނީ މެޗަށް ފަހު، ސިނާ އަށް މަރުހަބާ ކިޔައިފަ އެވެ. އަލްކަރާޒް ބުނީ، ސިނާ ހޯދީ އޭނާ އަށް ހައްގުވާ ކާމިޔާބެއް ކަމަށެވެ.
"ސިނާ ދެއްކި ކުޅުމަށް ބަލާއިރު މަރުހަބާ ކިޔަންޖެހޭ، އޭނާ އަށް މި ކާމިޔާބީ ހައްގު، ވަރަށް ރަނގަޅު ލެވަލެއްގައި ސިނާ ކުޅެމުން އެ ދަނީ،" އަލްކަރާޒް ބުންޏެވެ.
ޓެނިހުގެ އެންމެ ފަހު ހަތް ގްރޭންޑް ސްލޭމް މުބާރާތް ވެސް ކާމިޔާބުކުރީ ސިނާ ނޫނީ އަލްކަރާޒް އެވެ. ސިނާ ބުނީ، ވިމްބަލްޑަން ކާމިޔާބުކުރުމަކީ، އޭނާ ވަރަށް ގިނަ ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ