ސުޕަމޭންހެން ޓްރަމްޕް ފެންނަ އެޑިޓާ ހެދި ވައިޓްހައުސްއާ ދެކޮޅަށް ބިލިއަން ޑޮލަރުގެ ދައުވާއެއް

މިހާރު ސިނަމާގައި އަޅުވާ ސުޕަމޭން ފިލްމުގެ ޕޯސްޓަރު އެޑިޓުކޮށް އެއަށް އެމެރިކާގެ ރައީސް ޑޯނަލް ޓްރަމްޕް ލައި ޕްރޮޕަގެންޑާ ޕްރޮމޯޓުކުރާ ކަމަށް ބުނެ ވައިޓް ހައުސްއާ ދެކޮޅަށް އެއް ބިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅައިފިއެވެ. ޖޭމްސް ގަންގެ ސުޕަމޭން ސިނަމާގައި ދައްކަން ފަށާފައިވާއިރު މި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި، މި ފިލްމު އެންމެ ބޮޑު ސަމާލުކަމެއް ހޯދަމުން އަންނަނީ މި ފިލްމަކީ "އެންޓައި އިސްރައިލް" ފިލްމަކަށްވުމުން ކަމަށް ގިނަ ބަޔަކު ބުނަމުން އެބަދެއެވެ. މި ފިލްމުގައި ދައްކާ ގިނަ ވާހަކަތަކަކީ މިހާރުގެ އެމެރިކާގެ ސަރުކާރުން ދެކޮޅު ހަދާ ވާހަކަތަކެވެ. އޭގެ ތެރޭގައި ޕްރޯ އިސްރައިލުން ފެށިގެން އެންޓި އިމިގްރޭޝަން ފަދަ ވިސްނުންތަކަކީ ފިލްމުގެ މުޅި ތީމާ ދެކޮޅު ވާހަކަތެކެވެ. މައްސަލަ ގޯސްވީ މިދިޔަ ހަފުތާގެ ތެރޭގައި ސުޕަމޭންގެ ޕޯސްޓަރު އެޑިޓުކޮށް ސުޕަސޫޓަށް ޓްރަމްޕް ހެޔޮވަރުކޮށް އޭގައި ބޭނުންކުރި ކެޕްޝަންތަކުންނެވެ. އެ ކެޕްޝަންތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޝަނަކީ ތެދުވެރި، އިންސާފުވެރި ސަރުކާރަކަށް ވާނެ ކަމަށް އިޝާރާތްކޮށްފައިވެއެވެ. އަދި، މި ޕޯސްޓު ވަނީ ވައިޓް ހައުސްގެ އޮފިޝަލް ސޯޝަލް މީޑިއާއިން ރިލީޒްކޮށްފައެވެ. މިކަމާ ގުޅިގެން ގަން ވަނީ މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. މައްސަލައިގައި ބުނެފައިވަނީ ސުޕަމެންގެ ލޯގޯއަކީ އުއްމީދާއި ހަމަހަމަކަމާއި ހައްގުތަކަށް އިޝާރާތްކުރާ ނިޝާނެއް ކަމަށެވެ. އަދި, އެފަދަ ނިޝާނެއް ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދަން އުޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި މައްސަލައިގައި ވައިޓްހައުސްއާއި ޓްރަމްޕާ ދެކޮޅަށް ތުހުމަތުކުރަނީ ކޮޕީރައިޓް އިންފްރިންޖްމެންޓްގެ މައްސަލައެވެ. އެ މައްސަލައިގައި އެއް ބިލިއަން ޑޮލަރު ހޯދުމަށް ވަނީ ހުށަހަޅާފައެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ