އަސްކޮއި އުމްރާ ގްރޫޕުން އަނެއްކާ ވެސް ލާރި ނެގުމަށްފަހު ލަނޑުދިން މައްސަލައެއް ބަލަނީ

އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުން ނުގެންދިޔަކަމަށް ބުނާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން އަނެއްކާ ވެސް ބަލަން ފަށައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ ގްރޫޕުން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިރޭ އިރާކޮޅު ލިބިފައި ވާކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު، މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. https://x.com/Mohamedshaheem1/status/1945543386485985647 މިކަމާ ގުޅިގެން މީހަކު ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، އުމްރާއަށް ފުރަން ހަފުތާއަކަށްވެފައިވަނިކޮށް، ނުފުރޭނެ ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށެވެ. ޖުލައިމަހުގެ 24ގައި އުމްރާއަށް ދިއުމަށް ޓަކައި، މި އަހަރުގެ ފެބްރުއަރީގައި 25،500 ރުފިޔާ އެ ކުންފުންޏަށް ދީފައިވާނެ ކަމަށް އޭނާ ބުންޏެވެ. ހަމަ އެކަނި ށ. ފޯކައިދޫން 28 މީހުން އުމްރާވުމަށްޓަކައި އެ ކުންފުންޏަށް ފައިސާ ދީފައިވާކަމަށް އެ ޕޯސްޓުގައި ވެއެވެ. "ގްރޫޕުން ޚަބަރެއް ނުވާތީ މީގެ ތިން މަސް ކުރިން ގުޅުމުން ބުނީ ހަމަޖެހޭށޭ ހުރިހާ ކަމެއް ވެސް ރެޑީ ކަމަށް. 24 ޖުލައިގެ ކުރިން ހުރިހާ މީހުން މާލެ އަންނަންވީ ކަމަށް. ވައިބާ ގްރޫޕު ހަދާނަމޭ 16 ޖުލައިގައި، އެއީ އިތުރު މައުލޫމާތު ދިނުމަށް ޓަކައި" އޭނާ ބުންޏެވެ. އޭގެ ފަހުން ގުޅައި މެސެޖުކޮށް ހަދައިގެން ވެސް އެ ކުންފުނީގެ ޚަބަރެއް ނުވި ކަމަށާއި، އެންމެ ފަހުން ފޯނު ވެސް ނިއްވައިލީ ކަމަށް އޭނާ ބުންޏެވެ. ދެން ބުނީ މިފަހަރު އުމްރާއަށް ގެންދެވެން ނެތް ވާހަކަކަމަށް އޭނާގެ ޕޯސްޓުގައި ވެއެވެ. އިންސާފު ހޯދައިދޭން އެދި، އެ ޕޯސްޓުގައި ބުނެފައިވަނީ އެ ގްރޫޕުގެ ހުއްދަ ބާތިލްކުރަންޖެހޭ ކަމަށެވެ. މި ތުހުމަތުތަކާ ގުޅިގެން ބަހެއް ހޯދުމަށް އެ ކުންފުނީގެ ނަމްބަރަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދޭތީ، މިކަމާ ގުޅިގެން ބަހެއް ހޯދިފައެއް ނުވެއެވެ. https://sun.mv/206067 އަސްކޮއި ގްރޫޕުގެ ހަމަ މި ފަދަ މައްސަލައެއް މި އަހަރުގެ މެއިމަހު ވެސް ފެންމަތިވިއެވެ. މައްސަލަ ބެލުމަށް ފަހު, އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް, 130،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރިއެވެ. އެ ފަހަރު ވެސް ލަނޑު ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކުން ސޯޝަލް މީޑިއާގައި ގޮވާލާފައި ވަނީ އެ ޖަމާއަތުގެ ހުއްދަ ބާތިލް ކުރުމަށެވެ. މިއީ ރާއްޖޭގައި އައު ކަމެއް ނޫނެވެ. އެންމެ މާތް އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ހައްޖާއި އުމްރާއަށް ދިއުމަށް, ބުރަ މަސައްކަތުން ހޯދި ފައިސާ ދައްކައިގެން އެ އަޅުކަމަށް ދިއުމުގެ ފުރުސަތު ނުލިބުންފަދަ އެތައް ލަނޑެއް ގިނަ އަދަދެއްގެ ދިވެހީންނަށް ލިބިފައި އެބަހުއްޓެވެ. އެހެން އެކަން ދިމާވަނީ ޖަމާއަތްތަކުން އޮޅުވާލައި ފައިސާއަށް ހިޔާނާތްތެރި ވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ