މެޓާ އޭއައިއިން މީހުންގެ ޒާތީ މައުލޫމާތު ލީކްވާ ބޮޑު މައްސަލައެއް ހައްލުކޮށްފި
މެޓާ އޭއައި އިން އެހެން މީހުންގެ ޒާތީ މައުލޫމާތުތައް ލީކްވާ ބޮޑު މައްސަލައެއް ހައްލުކޮށްފިއެވެ. މެޓާ އޭއައިގައި ހުރި ސެކިއުރިޓީގެ ނާޒުކު މި މައްސަލައިގެ ސަބަބުން، އެ ޗެޓްބޮޓާއެކު އެހެން ޔޫޒަރުން ދައްކާފައިވާ ޕްރައިވެޓް ވާހަކަތައް ފެންނަގޮތް ވެފައިވާކަން ވަނީ ހާމަވެފައެވެ. މި މައްސަލަދިމާވެފައިވަނީ ނުރައްކާތެރި ބަގެއްގެ ސަބަބުން ކަމަށްވާއިރު، މީހުންގެ ނާޒުކު ޒާތީ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކުރުމަށް މެޓާގެ ސާވާތަކަށް ވަނުމެއް ނުވަތަ އެޕްގެ ކޯޑަށް ބަދަލުގެންނާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި، ނެޓްވޯކް ޓްރެފިކް އެނަލައިޒްކޮށްލުމުން އެކަން ކުރެވޭގޮތް ވެއެވެ. މެޓާއިން ވަނީ މި މައްސަލަ މިދިޔަ ޖެނުއަރީ މަހު ހައްލުކޮށް، މިކަން ހޯދި ރިސާޗަރަށް އިނާމު ދީފައެވެ. ޓެކްކްރަންޗްގެ ރިޕޯޓެއްގައިވާ ގޮތުން، މި މައްސަލަ ހޯދާފައިވަނީ ސެކިއުރިޓީ ޓެސްޓިން ފާމެއް ކަމަށްވާ 'އެޕްސެކިއުއާ'ގެ ފައުންޑާ، ސަންދީޕް ހޮޑްކާސިއާއެވެ. އޭނާ ވަނީ މިކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މެޓާއަށް ރިޕޯޓުކޮށްފައެވެ. އަދި މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މެޓާއިން ވަނީ 10,000 ޑޮލަރުގެ 'ބަގް ބައުންޓީ' އިނާމެއް އޭނާއަށް ދީފައެވެ. މެޓާގެ ތަރުޖަމާނު ރަޔަން ޑެނިއަލްސް ވިދާޅުވި ގޮތުގައި، މި މައްސަލަ ޖެނުއަރީ މަހު ހައްލުކޮށްފައިވާއިރު، މަގުސަދު ނުބައި ފަރާތްތަކުން މިގޮތް ބޭނުންކޮށްފައިވާކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން، މި މައްސަލަ އުޅުނީ މެޓާ އޭއައި އިން ޔޫޒަރުންގެ ޕްރޮމްޕްޓްތައް އޭގެ ސާވާތަކުގައި ބަލަހައްޓާ ގޮތުގައެވެ. ޗެޓްބޮޓް ބޭނުންކުރާ ޔޫޒަރަކު، ފޮޓޯއެއް ނުވަތަ ލިޔުމެއް ރަނގަޅުކުރުމަށް އޭނާ ދިން ޕްރޮމްޕްޓް އެޑިޓްކުރާ ކޮންމެ ފަހަރަކު، އެ ޕްރޮމްޕްޓަށާއި އޭއައި އިން ދޭ ޖަވާބަށް ޚާއްސަ އައިޑީއެއް (ޔުނީކް އައިޑީ) ދެއެވެ. ހޮޑްކާސިއާއަށް ފާހަގަ ކުރެވުނު ގޮތުގައި، ބްރައުޒާގައި އޭއައި ޕްރޮމްޕްޓެއް އެޑިޓްކުރަމުންދާއިރު ނެޓްވޯކް ޓްރެފިކް އެނަލައިޒްކޮށްގެން އޭނާގެ ޔުނީކް އައިޑީ ފެނުނެވެ. އަދި އެ ނަންބަރު ބަދަލުކޮށްލުމުން، އެހެން މީހެއްގެ ޕްރޮމްޕްޓާއި އޭއައި އިން އެމީހަކަށް ދީފައިވާ ޖަވާބު ފެންނަގޮތް ވެއެވެ. މި ނަންބަރުތަކަކީ ވަރަށް ފަސޭހައިން ދެނެގަނެވިދާނެ ނަންބަރުތަކެއް ކަމަށާއި، ރަނގަޅު އެހެން އައިޑީއެއް ހޯދުމަށް މާބޮޑު މަސައްކަތެއް ކުރަން ނުޖެހުނު ކަމަށް އޭނާ ބުނެފައިވެއެވެ. މި މައްސަލަ ދިމާވެފައިވަނީ މި ޔުނީކް އައިޑީތައް ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އޭއައި ސިސްޓަމުން އަމަލުކުރި ގޮތުގެ ސަބަބުންނެވެ. އެގޮތުން، މި ޑޭޓާ އެކްސެސް ކުރަނީ ކާކުތޯ ބެލުމަށް އެކަށީގެންވާ ސެކިއުރިޓީ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. މާނައަކީ، ޔޫޒަރުންގެ ވަރަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޑޭޓާ ކޮމްޕްރޮމައިޒްވުމުގެ ފުރުސަތު އޮތުމެވެ. މިކަމާ ގުޅުންހުރި އެހެން ކަމެއްގެ ގޮތުގައި، މިދިޔަ ޖޫން މަހު ނެރުނު ރިޕޯޓެއްގައި މެޓާ އޭއައި އެޕްގެ 'ޑިސްކަވާ' ފީޑްގައި، މީހުން ޗެޓްބޮޓާ އެކު ދައްކާފައިވާ ޕްރައިވެޓް ވާހަކަތައް އާންމުކޮށް ފެންނަން ހުރިކަން ފާހަގަ ކުރެވިފައިވެއެވެ. މިފަދަ ޕޯސްޓުތަކުގެ ތެރޭގައި، ބޭސްފަރުވާއާއި ގާނޫނީ ލަފައަށް އެދިފައިވާ ވާހަކަތަކާއި، ކުށަށް އިއުތިރާފުވެފައިވާ ވާހަކަތައް ވެސް ހިމެނެއެވެ. މެޓާއަށް މިކަން ފާހަގަވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައި، ވަނީ ޔޫޒަރުންނަށް ނޭނގި އެމީހުންގެ ވާހަކަތައް އާންމުކުރުން ހުއްޓުވުމުގެ ގޮތުން ޑިސްކަވާ ފީޑްގައި ޝެއާ ނުކުރުމަށް ބާރުއަޅާ ވޯނިން މެސެޖެއް ދައްކަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ