ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ އަލަތު ދަރިފުޅަކީ އަންހެން ކުއްޖެއް

ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ އަލަތު ދަރިފުޅު އުފަންވުމަކީ އެ ދެމަފިރިންގެ ފޭނުންނަށް ވެސް އުފާވެރި ހަބަރެކެވެ.
މުމްބާއީގެ ރިލަޔަންސް ހޮސްޕިޓަލުގައި އަންގާރަ ދުވަހު ކިއާރާ ވިހައި މަންމަ އާއި ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ތިބި ކަމަށް ހަބަރުތައް ބުނެ އެވެ.
ކިއާރާ އާއި ސިދާތު އިއްޔެ ވަނީ އަންހެން ކުއްޖަކު ލިބުނުކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ކިއާރާ ބަނޑުބޮޑުކަން އިއުލާންކުރީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ. ދެމަފިރިން ކުޑަ އިސްޓާކީނު ޖޯޑެއް ހިފަހައްޓައިގެން ތިބި ފޮޓޯއަކާ އެކު، "އަހަރެމެންގެ ހަޔާތުގެ އެންމެ ބޮޑު ހަދިޔާ ވަރަށް އަވަހަށް އަންނަނީ" ކަމަށް ބުނެފައިވެ އެވެ.
ޕާޓީއަކުން ބައްދަލުވި ސިދާތު އާއި ކިއާރާގެ އެކުގައި ކުޅުނު ފުރަތަމަ ފިލްމު 'ޝޭރްޝާހް' އަށް ފަހު ކައިވެނިކުރީ 2023ގައި ރާޖަސްތާނުގެ ޖައިސަލްމޭރުގައި ބޭއްވި ކުޑަ އެހެނަސް ކުލަގަދަ ހަފްލާއެއްގަ އެވެ.
ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރި ފަހުން ވެސް، އެ ދެ ތަރިން އައީ މުހިންމު ފިލްމުތަކެއް ރިލީޒް ކުރަން ތައްޔާރުވަމުންނެވެ. ޖާންވީ ކަޕޫރާ އެކު ސިދާތު ވަރަށް އަވަހަށް ރޮމޭންޓިކް ކޮމެޑީ ފިލްމު 'ޕަރަމް ސުންދަރީ' އިން ފެނިގެންދާނެ އެވެ. އަދި ރިތިކް ރޯޝަން އާއި ޖޫނިއާ އެންޓީއާރް ލީޑް ރޯލުން ފެނިގެންދާ ޔާޝް ރާޖް ފިލްމްސްގެ ސްޕައި ފްރެންޗައިޒްގެ 'ވޯ 2' ގައި ކިއާރާގެ މުހިއްމު ރޯލެއް ހިމެނެ އެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މިނިވަން ދުވަސް ކަމަށްވާ 15 އޮގަސްޓުގަ އެވެ.
ރަންވީރު ސިންގްއާ އެކު 'ޑޮން 3' އިން ވެސް ކިއަރާ ފެނިގެންދާނެ ކަމަށް ބުނި ނަމަވެސް މާބަނޑުވުމުގެ ސަބަބުން އޭނާ އެ ޕްރޮޖެކްޓު ދޫކޮށްލާފައިވާ ކަމަށް ބެލެވެ އެވެ.
މި ދެމަފިރިން މައިންބަފައިންގެ ޗެޕްޓަރު ފަށާއިރު، ގިނަ ބަޔަކު އަންނަނީ ތަހުނިޔާގެ މެސެޖުތައް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފޮނުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ