އިސްތަންބޫލްގައި އޮންނަ ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް

ތުރުކީގެ އިސްތަންބޫލުގައި އަންނަ ނޮވެންބަރު މަހު ބާއްވާ 'ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025'ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، 11 ވަނަ ވޯލްޑް ހަލާލް އެކްސްޕޯއާއި ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 26އިން 29އަށް ކަމަށެވެ. އެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައިއޯސީ)ގެ ޖެނެރަލް ސެކްރެޓޭރިއެޓްއިން ވަނީ، އެ އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދައްކާލުމާއި، ގަނެ ވިއްކުމުގެ ފުރުސަތު، ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުސަތަކީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ފުރުސަތެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ. އެ އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް، އަދި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު [email protected] އަށް އީމެއިލް ކުރުމުން ވެސް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ. ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވަނީ ސްރީލަންކާގައި ބާއްވާ އެކްސްޕޯއެއްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފައެވެ. އެއީ އަންނަ ސެޕްޓެންބަރު މަހު 18އިން 21އަށް ކޮލޮމްބޯގައި އޮންނަ އިންޑަސްޓްރީ އެކްސްޕޯ 2025އެވެ. އެ އެކްސްޕޯގައި ވެސް ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތާއި އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވައިފައިވާކަމުގެ މައުލޫމާތު، ލަންކާގެ ހައިކޮމިޝަނުން ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ އެކްސްޕޯއިން ވެސް ދިވެހީންގެ އުފެއްދުންތައް އިޝްތިހާރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމާއި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތުމި އެކްސްޕޯ އިންތިޒާމުކުރާ ފަރާތުގެ ވެބްސައިޓުން ލިބޭނެއެވެ. އެ އެކްސްޕޯގައި ބައިވެރިވުމަށް އެދޭ މީހުން އެކްސްޕޯއަށް ރެޖިސްޓާ ކުރާނީ ވެސް އެ ވެބްސައިޓު މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ