ވާހަކަދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

އިބްރާހިމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތް ބާއްވަނީ ދިވެހިބަހުގެ އެކެޑަމީންނެވެ. އެ އެކެޑަމީން ބުނީ، މި މުބާރާތުގެ އިސްކޫލުތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައިގެ އިތުރުން ބަހުސްގެ ބައެއް އޮންނާނެ ކަމަށެވެ. އިސްކޫލުތަކުގެ ބައިގައި ހިމެނެނީ ދަށު ސާނަވީ، ސާނަވީ، އަދި މަތީ ސާނަވީ ގިންތީގެ ބައެވެ. އަމިއްލަ ފަރާތްތަކުގެ ބައި އޮންނާނީ 18 އަހަރުން ދަށުގެ އުމުރުފުރައާއި 18 އަހަރުން މަތީގެ އުމުރަށެވެ. އަދި، އޮފީސް، ކުލަބު، ޖަމިއްޔާ، ޖަމާއަތްތަކާއި އަމިއްލަ ޓީމުތަކަށް އޮންނާނީ ބަހުސެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑި ހަމަވާނީ އޮގަސްޓު 17ވާ އާދިއްތަ ދުވަހުގެ 13:00 އަށެވެ. https://sun.mv/188522 މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 25 އިން ފެށިގެން ސެޕްޓެންބަރު 13 އަށެވެ. އެކެޑަމީން ބުނި ގޮތުގައި މުބާރާތުގައި އިސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތުގެ އެ އުމުރުފުރާއެއްގެ ވާހަކަދެއްކުން ފެށުމުގެ މަދުވެގެން ހަތް ދުވަސް ކުރިން އާންމުކުރާނެއެވެ. މުބާރާތުގައި ބައިވެރިވާ ފޯމު: ވާހަކަދެއްކުމުގެ ބައި (އިސްކޫލުތަކާއި އަމިއްލަ ފަރާތްތަކުގެ ބައި) ބަހުސްކުރުމުގެ ބައި (16 އަހަރުން މަތި) މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ދިވެހިބަހުގެ އެކެޑަމީއަށް އީމެއިލްކުރަން ވަނީ އެދިފައެވެ. އަދި، އެ އެކެޑަމީގެ ވެބްސައިޓުން ވެސް އިތުރު މައުލޫމާތު ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ